އދ.މާމިގިލީގައި ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 16:35 ހާއިރުކަމަށް ފުލުހުން މައުލުމާތު ދެއެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ އަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މި ޕިކަޕަކީ މާމިގިލީގައި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ބޭސް ޖެހުމަށް ޑީސަލް އަދި ޕެޓްރޯލް އަޅާފައި ހުރި ވެހިކަލްއެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ޕިކަޕުގައި ރޯވެ، މާ ގިނަ އިރުތަކެއް ނުވަނީސް އަލިފާން ނިއްވާލާފައި ވާކަމަށެވެ.

ފާއިތުވި ހަތަރު މަހެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވެއެވެ. މީގެ ތެރެއިން ވެހިކަލްތަކުގައި ރޯވެފައިވާ ދިހަ ވަރަކަށް ހާދިސާ ހިމެނެއެވެ. މިހަރަކަށް އައިސް އަލިފާނުގެ ހާދިސާތައް ގިނަ ވަމުން އަންނާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ ރައްޔިތުން ހޭލުންތެރިވެ ތިބުމަށް ގޮވާލާފައެވެ.