ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ "އޭރޯޑްރޯމް" އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ބޯޑު މެންބަރު އިބްރާހީމް ނޫރައްދީނާއި، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓާ މޫސާ ސޯލިހެވެ.

އެމްއޭސީއެލުން ބުނީ މިއަހަރުގެ ފަހުކޮޅު އާ ރަންވޭ ބޭނުންކުރަން ފެށުމުން އާ ރަންވޭގެ އޮޕަރޭޝަންތައް ބަލަހައްޓާނީ "އޭރޯޑްރޯމް" އިމާރާތުން ކަމަށެވެ.

"އޭރޯޑްރޯމް" ގެ އާ އިމާރާތަކީ ވެލާނާ އެއާޕޯޓުގެ ރަންވޭއަށް ބޭނުންވާ ލައިޓްތަކާއި މާކިންތައް ބެލެހެއްޓުމާއި، ނެވިގޭޝަނަލް އަދި ގްރައުންޑް ހޭންޑްލިން އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ އިމާރާތެކެވެ. މި ތަން މާރާތްކުރުމާއި، ތަނަށް ބޭނުންވާ އިކުއިޕްމަންޓްސް ހޯދުމަށް 17.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ދެ ފަންގިފިލާއަކަށް ހަދާފައިވާ މި އިމާރާތުގައި، އެއަރޕޯޓުގެ ގްރައުންޑް ހޭންޑްލިިން އަށް ބޭނުންވާ ތަފާތު ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމަށްޓަކައި ހާއްސަ ކްލާސްރޫމްތަކެއް ވެސް ގާއިމުކޮށްފައި ވެއެވެ.

މީގެއިތުރުން ވޭލާނާ އެއާޕޯޓު ތަރައްގީކުރުމަށް ހިންގާ އެއްބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ފަސިންޖަރުންނަށް އާ ޓާމިނަލް ހެދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.