ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) 53 ވަނަ އަހަރީ ދުވަހާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ އާ ވެބްސައިޓާއި، ވީއައިއޭ ގެ މޯބައިލް އެޕްލިކޭޝަން ތައާރަފުކޮށްފިއެވެ.

އެމްއޭސީއެލްގެ އާ ވެބްސައިޓާއި، ވީއައިއޭގެ މޯބައިލް އެޕް ރަސްމީކޮށް ލޯންޗުކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓާ މޫސާ ސޯލިހެވެ.

ހުރިހާ ވައްތަރެއްގެ ޑިވައިސްތަކަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާ ކޮށްފައިވާ އެމްއޭސީއެލްގެ ވެބްސައިޓަކީ ޔޫސާ ފްރެންޑްލީ ފީޗާތަކާއެކު އެއާޕޯޓުގެ މެޕާއި، ފްލައިޓްތަކުގެ ޝެޑިއުލާއި، ކުންފުނީގެ ވަނަވަރާއި، ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތާއި ހަބަރުތައް މިހާރަށްވުރެ ފަސޭހައިން ބަލައިލެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

ހަމައެއާއެކު އެއާޕޯޓުގެ ބައެއް ހިދުމަތްތަކާއި، ޓެންޑަރަށް ހުޅުވާލާ ޕްރޮޖެކްޓުތަކަށް އޮންލައިންކޮށް އެޕްލައިކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ. މީގެއިތުރުން އެއާޕޯޓުގެ ފޮޓޯތައް ވަކި ހޭޝްޓެގަކާއެކު އިންސްޓަގްރާމަށް އަޕްލޯޑްކުރުމުން، އެ ފޮޓޯތައް ވެބްސައިޓަށް ވެސް އަޕްލޯޑްވާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

ވީއައިއޭގެ މޯބައިލް އެޕުން ފްލައިޓް ޝެޑިއުލާއި، ފްލައިޓް އޮތް ހިސާބު ބަލާލުމުގެ އިތުރުން އެންމެފަހުގެ މޫސުމާއި ގުޅޭ މައުލޫމާތު ބަލާލެވޭނެއެވެ. އަދި ބައެއް އެހެނިހެން ކޮމާޝަލް ފީޗާތައް ވެސް ކުރިއަށްއޮތްތަމުގައި މި އެޕަށް އިތުރުވެގެންދާނެ ކަމަށާއި މިހާރު ޕްލޭސްޓޯރުންނާއި، އެޕްސްޓޯރުން މި އެޕް ޑައުންލޯޑް ކުރެވޭނެކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.