"ކޮބާ ނަނަށް ވާންކޮށްފިތާ" މިހެން ބުނެލުމުން ހަނދާނަށް އަންނަނީ ރަމަޟާން މަހު އާންމުކޮށް އިވޭ އަޑެކެވެ. އެއީ އުރީދޫ މަސްރޭހުން އާންމުކޮށް އިވޭ އަޑެކެވެ.

ބޮޑު ތަރުޙީބަކާއެކު ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން މިއަދު ލޯންޗުކުރި އިރު ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެ ކަމަށް އުރީދޫން އިން ބުނެފިއެވެ.

މަސްވެރިކަމުގެ ދާއިރާގައި އަންހެނުން ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ހާއްސަ ބުރެއް މިފަހަރު ބާއްވަން ވަނީ ނިންމާފައެވެ. އެހެން ބުރުތަކާއި އެއްގޮތަށް، އަންހެން ޓީމުގެ ބުރު ކާމިޔާބު ކުރާ ޓީމަކަށް ވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

"ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ހާއްސަ އުފަލެއް. އަދި މަސްރޭހާއި މެދު އަޅުގަނޑުމެން ފަހުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑުމެންގެ އުއްމީދަކީ، އަދި މަސައްކަތް ކުރަމުންދާނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށް ވެސް ހަނދާނުންފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުން." އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ޖުމްލަ 16 ޓީމް ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު އެ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފި ނަމަ، ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހު ކަމަށް އުރީޑޫން ބުނެއެވެ. މި އަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށް ވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. އޭގެތެރެއިން މުޅި މުބާރާތުން އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް ) ރުފިޔާ، އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި، އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ، އަދި އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.