އައިނު ވިއްކާ ފިހާރަތަކުގެ ތެރެއިން އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދެމުން އައި ޝޮޕްމޯ އޮޕްޓިކަލްސް އާއި އެކު ހެދިފައިވާ އެއްބަސްވުން މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް އާސަންދައިން ބުނެފިއެވެ.

މިއަދު އާސަންދަ ކޮންޕެނީ ލިމިޓެޑުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، ޝޮޕްމޯ އޮޕްޓިކަލްސް އިން އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އޮޅުވާލުންތަކެއް ހިމެނޭ މައްސަލަ ބެލުމަށްފަހު އެކަން ސާބިތުކުރެވިފައި ވާތީ ދެފަރާތުގެ ދެމެދުގައި ސްކީމް ބޭނުންކުރުމަށް ވެވިފައިވާ އެއްބަސްވުން ބާތިލްކުރި ކަމަށެވެ. މި މައްސަލަ ފާހަގަކުރެވުމުން އެ މައްސަލަ ބަލަން ފަށާ، މައްސަލަ ބަލާ ނިމެންދެން ސްކީމްގެ ހިދުމަތް ދިނުމުން އެ ފިހާރަ ވަނީ ސަސްޕެންޑް ކުރެވިފައި ކަމަށްވެސް އާސަންދައިން ބުނެއެވެ.

އެގޮތުން އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އާއި ބިލުކުރުމުގައި މައްސަލަ ހުންނަކަން ފާހަގަކުރެވޭ ނަމަ އެ ހިދުމަތްދޭ މަރުކަޒާ މެދު ފިޔަވަޅު އެޅިގެންދާނެކަމަށް ވެސް އާސަންދައިން ބުނެއެވެ.

މިދިޔަ މާޗް މަހުގައި އާސަންދައިން ވަނީ މެލޭޝިއާ، އިންޑިއާ އަދި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ފެށުމަށް، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީން އާސަންދަ ކުންފުނީގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. އަދި މި ސަރުކާރަށް ބަދަލުވުމާއެކު އާސަންދައިން ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިި ވިޔަސް އާސަންދައިގެ ހިދުމަތް ލިބޭގޮތަށް ހަމަޖައްސާފައެވެ.