ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހު އިންތިހާބާ ގުޅޭގޮތުން ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝްންގެ ރައީސް އަހުމަދު ޝަރީފް ވިދާލުވެއްޖެއެވެ.

މިއަދު އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ހައިކޯޓުން މިއަދު ގޮތެއް ނިންމާއިރު، އިދާރީ ގޮތުން ނުކުރެވޭ ވަރުގެ ކަމެއް ހުކުމުގައި އަންނާނެކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން ރީރެޖިސްޓްރޭޝަންއާ ގުޅޭ ހަތް މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ހުކުމް ނުވަތަ ހައިކޯޓުން ނިންމަވާގޮތެއް މިއަދު އެކެއްޖަހާރިއު ލިބޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންތިހާބަށް ނުވަތަ އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ނުކުރެވޭނެވަރުގެ ކަމެއްގެ ހުކުމެއް އަންނާނެކަމަށް އަޅުގަނޑުމެންނަށް ލަފައެއް ނުކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.

އޭގެއިތުރުން ޝަރީފް ވިދާޅުވީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި ވޯޓު ފޮށިތައް ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގައި މިހާރު ބަހައްޓަމުން ދާ ކަމަށެވެ. އެ ގޮތުން ގދ. ގައްދޫ ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން ސިނާއީ ސަރަހައްދުތަކުގައި ހަތަރު ފޮށި ބަހައްޓާ އިރު، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ޖަލުގައި ފަސް ފޮށި އަދި ރާއްޖޭން ބޭރުގައި އަށް ފޮށި ބަހައްޓާނެއެވެ. އަދި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 307 ވޯޓުފޮށި އަދި މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.