މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތުން ހަރަދުކުރެވުނު މިންވަރަށްވުރެ ދައުލަތަށް ލިބުނު އާމްދަނީން ބިލިއަނެއްހާ ރުފިޔާ އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލީ ހިސާބުތައް ދައްކާގޮތުން ފުރަތަމަ ތިންމަހު 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެމުއްދަތުގެ ތެރޭގައި ދައުލަތުން ހަރަދުކޮށްފައިވަނީ 5.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ވޭތުވެދިޔަ ތިން މަސްތެރޭ ދައުލަތަށް ވަނީ ބިލިއަނެއްހާ ރުފިޔާ އިތުރަށް ލިބިފައެވެ.

ތިންމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައުލަތަށް 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާއި ޖީއެސްޓީގެ ގޮތުގައި ލިބުނު 730 މިލިއަން ރުފިޔާ ހިމެނެއެވެ. އޭގެ އިތުރުން ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 765 މިލިއަން ރުފިޔާއަށް އަރައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 446 މިލިއަން ރުފިޔާ ހިމެނެއެވެ.

ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތުން 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 4.1 ބިލިއަން ރުފިޔާ ހަރަދުވެފައިވަނީ މުސާރައާއި ދައުލަތް ހިންގުމަށް ހަރަދަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ސަރުކާރުގެ އިދާރީ ހިންގުމަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.