މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓާ އާދަމް އާޒިމްގެ އިތުރުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓާ ސުހައިލް އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ ރައީސް ސޯލިހެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ 2020 ގެ ނިޔަލަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ 15 މިލިޔަން ޑޮލަރަށެވެ. މިއީ 160،000 މީހުންނަށް ހިދުމަތް ދިނުމަށް ތަރައްގީކުރާ ނެޓްވޯކެކެވެ. އަދި މި ނެޓްވޯކް ދިގުމިނަކޫ 41.35 ކިލޯމީޓަރު ކަމަށާއި 12 ހިސާބެއްގައި އެއް ޕަންޕް ސްޓޭޝަނާއި އައުޓްފޯލް ސިސްޓަމެއްވެސް ބަހައްޓާނެކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ މީ މިވަގުތު އެ ކުންފުނިން ކުރާނެ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތް މާލޭގެ އިތުރުން ކ. މާފުއްޓާއި ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފޯރުކޮށްދެއެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނީން ދަނީ އިންޖިނިއަރިން އަދި މެނުފެކްޗަރިން ދާއިރާގައިވެސް ކުރި ހޯދަމުންނެވެ.