189 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ލަޔަން އެއާގެ މަތިންދާބޯޓު، މިދިޔަ އޮކްޓޯބަރު މަހު ޖާވާ ކަނޑަށް ވެއްޓުނު ހާދިސާއާ ގުޅިފައިވާ ސެންސަރު ރިޕެއާ ކުރީ އެމެރިކާގެ ކުންފުންޏަކުންކަން ހާމަވެއްޖެއެވެ.
ބޮއިންގް 737 މެކްސް-8 މަރުކާގެ މަތިންދާބޯޓު ޖާވާ ކަނޑަށް ވެއްޓުނު ހާދިސާ ހިނގި ދުވަހާ އޭގެ ކުރީ ދުވަހު ކުރިމަތިވި ޓެކްނިކަލް މައްސަލަތަކާ ގުޅިފައިވާ ސެންސަރު ރިޕެއާ ކޮށްފައިވަނީ ފްލޮރިޑާގެ އެކްސްޓްރާ އެއިރޯސްޕޭސް އިންކޯޕަރޭޝަންއިން ކަމަށް ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފައެވެ.
އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ތަހުގީގީ ރިޕޯޓް ބުނާ ގޮތުގައި ފްލޮރިޑާގައި ރިޕެއާ ކޮށްފައިވަނީ އޭންގަލް އޮފް އެޓޭކް ސެންސަރެވެ. އޮކްޓޯބަރު 29 ވަނަ ދުވަހުގެ ދަތުރުގައި މި ސެންސަރުން ފޯރުކޮށްދެމުން ދިޔަ ނުބައި ސިގްނަލްތަކެއްގެ ނަތީޖާއެއްގެ ގޮތުން ބޯޓުގެ ޕައިލެޓަށް ބޮޑެތި ތަކުލީފުތަކެއް އުފުއްލަން ޖެހުނެވެ. އެގޮތުން ބޯޓުގެ ކުރީކޮޅު ތިރިއަށް ވާ މިސްރާބަށް ބޯޓުގެ އޭންގަލް ބަދަލުވަމުން ދިއުމުގެ ބިރުވެރި ހާލަތު ތަކުރާރުކޮށް މެދުވެރިވަމުން ގޮސް، ޖާވާ ކަނޑަށް ބޯޓު ވެއްޓެންދެން ވެސް ޕައިލެޓް ވަނީ އެތަކުލީފާ ކުރިމަތިލާފައެވެ. ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.
މިފަދަ ހާދިސާއެއް މާޗްމަހުގެ 13 ވަނަ ދުވަހުވެސް ހިނގާފައިވާއިރު، އެފަހަރު ވެއްޓުނު އިތިއޮޕިއަން އެއާލައިންސްގެ މަތިންދާބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަވެސް ސަލާމަތްވެފައެއް ނުވެއެވެ.
މި ދެހާދިސާގައިވެސް ބޭނުންކޮށްފައި ވަނީ ބޮއިންގް ކުންފުނީގެ އާ މޮޑެލްއެއް ކަމަށްވާ 737 މެކްސް މޮޑެލްގެ 2 މަތިންދާބޯޓުކަމަށްވާއިރު، މިމައްސަލައަށް ފުރިހަމަ ހައްލެއް ހޯދެންދެކަށް މި މޮޑެލްގެ ހުރިހާ ބޯޓެއް މިހާރު ވަނީ ގްރައުންޑުކޮށްފައެވެ.