އަލަށް ވަޒީފާ އަށް އަންނަ ބިދޭސީންނަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެ ވެވޭނެ އިންތިޒާމު ހަމަ ޖައްސައިފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނެފައި ވަނީ، އަލަށް ވަޒީފާއަށް އަންނަ ފަރާތް ތަކަށް އައްޑޫއިން ރާއްޖެ އެތެރެ ވެވޭނެ އިންތިޒާމެއް ހަމަ ޖައްސައި ދިނުމަކީ އެ އަތޮޅުގެ ވިޔަފާރި ވެރިންނާއި އާންމު ރައްޔިތުން އެދިއެދި ތިބި ކަމެއް ކަމަށެވެ.

އައްޑޫއަށް އަލަށް އަންނަ ބިދޭސީ މަސައްކަތްތެރީންނަށް، އައްޑޫއިން އެތެރެ ވެވޭނެ ގޮތެއް ނެތުމުން އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް އިމިގްރޭޝަން އިން ފާހަގަ ކުރެއެވެ. އެ ގޮތުން ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ފަހު އައްޑޫއަށް ގެންދިޔުމުގެ ހަރަދާއި، މާލޭގައި މަޑު ކުރަން ޖެހިއްޖެ ނަމަ ގެސްޓް ހައުސްގެ ހަރަދު ކުރަން ޖެހި މާލީ ބޮޑެތި ދަތިތަކާ އައްޑޫގެ ރައްޔިތުންނަށް ކުރިމަތި ލާން ޖެހިފައި ވާކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން މީގެ ކުރިން އެތެރެ ކުރެވެނީ ހަމަ އެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިއީ ރާއްޖޭގެ އެހެން އެއާޕޯޓަކުން މިކަން ހަމަޖެހިގެންދާ ފުރަތަމަ ފަހަރެވެ.