މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދިޔަ ކާށިދޫ ޓުއަރިސްޓްް ވިލެޖުގެ މަޝްރޫއު ހަވާލުކުރި ޗައިނާގެ ކުންފުންޏާއެކު އެ މަޝްރޫއު ކުރިއަށް ގެންދަން ދެން ނުވިސްނަވާ ކަމަށް އެ ކުންފުނީގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

މިއަދު އެ ކުންފުނީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއިދު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށާއި އެކަމާ ގުޅުން ހުރި މައްސަލައެއް އޭސީސީ އިން ބަލަމުންދާ ކަމަށެވެ.

ކާށިދޫ ގެސްޓްހައުސް މަޝްރޫއަކީ ފިނޭންސް މިނިސްޓްރީ އިން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ފައިނޭންސް ކުރި މަޝްރޫއެކެވެ. ފިނޭންސް އިން ނެގި ލޯނަކީ އަށް ޕަސެންޓް އިންޓްރެސްޓުގައި އެއް އަހަރުން ދައްކާގޮތަށް ނެގި ލޯނެކެވެ. އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރި ހަމައެކަނި މަސައްކަތަކީ ކާށިދޫގައި އަޅާފައި ހުރި ދަގަނޑު އިމާރާތްތައް ކަމަށާއި އެ ތަންތަންވެސް ނިންމާފައި ނުވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

"އެކަމުގައި ޗައިނާ ކުންފުންޏާ ސުވާލު ކުރުމުން ބުނަނީ އިތުރު ފައިސާ ފޮނުވީމައޭ ބާކީ ހުރި ބައި ނިންމޭނީ. އަދި ލާރި ފޮނުވާށޭ. އެހެންވެ އެމީހުންނާއެކު ކުރި އަށް ނުދާން މިހާރު ނިންމާފައިވާނީ،" ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ އެމްއައިޓީޑީސީ އިން އިއުލާނު ކޮށްފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށެވެ. އޭގެ އިތުރުން ރާއިދު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެމްއައިޓީޑީސީ އުވާލުމުގެ ވިސްނުމެއް މިސަރުކާރުން ނުގެންގުޅޭ ކަމަށް ވެސް ރާއިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއައިޓީޑީސީ ދެން މަސައްކަތް ކުރާނީ ބިންބޮޑެތި ރަށްރަށުގައި މެދުފަންތީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ވޯޓާ ސްޕޯޓްސް ކުޅޭނެ ސަރަހައްދުތަކާ، ސްޕާ ފަދަ ތަންތަން ތަރައްގީކޮށް އެތަންތަނުގެ ބޭނުން ރަށްރަށުގައި ހުންނަ ގެސްޓްހައުސް ތަކުން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީ ސަރުކާރުން އެމްއައިޓީޑީސީ އުފެއްދީ 2016 ވަނަ އަހަރުއެވެ. އެގޮތުން ކ. ކާށިދޫގައި އެމްއައިޓީޑީސީން ޓޫރިސްޓު ވިލެޖުގެ ބިންގާ އަޅައި އަމަލީ ގޮތުން މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު މާޗް މަހުގެ 26 ވަނަ ދުވަހުގައެވެ. މި ޕްރޮޖެކްޓު ނިމޭއިރު 60 ކޮޓަރީގެ ތިން ގެސްޓު ހައުސާއި، ވޭސްޓް މެނޭޖްމަންޓު ސެންޓަރަކާއި، މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން މޫދުގައި ތަރައްގީކުރާ ޓައިޑަލް ޕޫލެއް ހަދާނެއެވެ. މި ވިލެޖު ހެދުމަށް ނިންމާފައި ވަނީ ކާށިދޫގައި މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައެވެ.