މާލޭގެ ރިންގް ރޯޑުން ސައިކަލުގައި ދާ މީހަކު އޭނާގެ ސައިކަލުގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވާ ވީޑީއޯއެއް އާންމުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމު ވެފައިވާ މި ވީޑިއޯއިން ފެންނަނީ ހެންވޭރު ކޮޅުން ރިންގް ރޯޑުން ސައިކަލު ދުއްވާ މީހާ އޭނާގެ ސައިކަލުގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވާ މަންޒަރެވެ.
މިހާދިސާގައި ވަށިގަނޑުގައި އިން ތުއްތު ކުއްޖާގެ ހާލު އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި މިހާދިސާ ހިނގާފައިވާ ވަގުތެއް އަދި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތެއްވެސް އަދި ލިބޭ ގޮތެއް ނުވެއެވެ.
ފެންނަ ފެނުމަށް އެއީ ދޮޅު އަހަރު، ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވަށިގަނޑުގައި ބައިންދާފައި އިނީ އެއްވެސް ރައްކާތެރި ކަމެއް ނެތި ނުރައްކަލަށް ހުށަހެޅޭ ގޮތަށެވެ. އަދި ސައިކަލުގެ ކުރީ ލައިޓްވެސް ހުރީ ސީދާ އެ ކުޑަކުއްޖާގެ ލޮލަށް އެޅޭ ގޮތަށެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ހަދާފައިވާ ގަވާއިދު ތަކުން މިއީ ސީދާ މަނާ ކަމެކެވެ. އަދި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގޮތުން ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާވެސް ފުށޫ އަރާ ކަމެކެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.