މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ހާއްސަ ކުރެވިފައިވާ ރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަދު މިކަމަށްޓަކާ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެނބޫދޫފަޅުގައި ތަރައްގީ ކުރާ ރަށްތަކުގެ ތެރެއިން ރަށެއް މާލެ ސަރަހައްދުގެ މީހުން ދަތުރު ދިއުމަށް ހަމަ ޖައްސާފައި ވާކަން ވަނީ އިއުލާނު ކުރައްވާފައެވެ. އެއީ މާލެއިން ފުރައިގެން 15 މިނިޓުން ދެވޭހާ ގާތުގައި އޮތް ރަށެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދާ ކަމަށެވެ. އެ ގޮތުން، މާލޭގެ ވަކި މަގުތަކެއް ހުކުރު ދުވަހުގެ ހެނދުނު ބަންދުކޮށް، އާއިލާ އާއި ކުޑަކުދީންނަށް ޖަޒީރާ ދިރިއުޅުމެއްގެ ފުރުސަތު ފަހި ކޮށްދިނުން ރައީސް ސޯލިހު ފާހަގަ ކުރައްވާފައި ވެއެވެ.

އަދި، ސަރުކާރުން ގެންދަނީ، މާލޭގައި ހުސް ޖާގަ އިތުރުކޮށް، އާންމުންގެ ބޭނުމަށް ބިންކޮޅެއް ހަމަޖެއްސެން އޮތްނަމަ، އެތަންތަން ޕާކްތަކަށް ބަދަލު ކުރަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ، "ޕިކްނިކް" އައިލެންޑް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސިންގހާ އެސްޓޭޓް އާއެވެ. "ޕިކްނިކް އައިލެންޑް" ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، ކުޅިވަރު ކުޅުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށާއި، އަދި ކުޑަކުދީންނަށް ހާއްސަ ކުރެވިފައިވާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ހިދުމަތްތައް ހިމެނޭ ގޮތަށެވެ.

ރައީސް މިއަދު ވިދާޅުވީ، މި އަހަރު ނިމެން ވާއިރަށް، އެ ރަށަށް ދަތުރު ދިއުމުގެ ފުރުސަތު ހުޅުވައިލެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މާލޭ ސިޓީގެ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ރަށެއް ހާއްސަ ކޮށްދެއްވުމަކީ، ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.