ތައުލީމު ވަރުގަދަ ކުރުމަށް ވުރެ ބޭނުންތެރި އެހެން އެއްވެސް ކަމެއް ނުވާކަމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ކާށިދޫ ސްކޫލުގައި ހަދާ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރާ ހުރިހާ މަސައްކަތަކީ، ވަރުގަދަ ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތް ކަމަށެވެ.
ދަރިވަރުންނަކީ ސުކޫލު ނިމި މުޖުތަމަޢަށް ނުކުންނައިރު ދިރިއުޅުމަށް އަހުލުވެރި މަސައްކަތައް އަހުލުވެރި ރަނގަޅަށް އުޅެން އެނގޭ ބަޔަކަށް ހެދުމަކީ މުހިންމު ކަމެއްކަން ނައިބުރައީސް ގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ތައުލީމު ހަރުދަނާ ކުރުމަށް ސަރުކާރުން، މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ގެންދާ ކަމަށް، އެމަނިކުފާނު ވިދާޅު ވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ސްކޫލުތަކާ އެޑިއުކޭޝަން މިނިސްޓްރީ އާއި ވަރަށް ގާތްގުޅުމެއް ބާއްވަން ޖެހޭކަމަށާއި، ސުކޫލުތަކަށް ދިމާވާ ދަތިތައް ހައްލުނުވެ ދިގު މުއްދަތަކަށް އެކަންކަން ތަހައްމަލުކުރަން ނުޖެހޭ ގޮތަށް ރަނގަޅަށް ކަންތައްތައް ބެލެންޖެހޭ ކަމަށެވެ. ތައުލީމީ ނިޒާމަކީ ރަށްޓެހި ނިޒާމަކަށް ބަދަލުކޮށް މުޅި ރާއްޖެ ފަހުރުވެރި ވާފަދަ ނަތީޖާ އެއް ނެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.