ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ހަތް ވަނަ ކޮކާކޯލާ ލޯންގް ރަންގެ މެރެތަން ދުވުމުގައި ރަޖިސްޓާ ވުމުގެ ފުރުސަތު އަދި އެބައޮތް ކަމަށާއި މި ކެޓަގަރީއަށް އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެކަމަށް ޓީއެފްޖީއިން ބުނެފިއެވެ.

ޓީއެފްޖީއިން ބުނީ އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނީ މި ދުވުމުގެ އޮންލައިން ރެޖިސްޓްރޭޝަން ޕާޓްނާ ގޯޓުރޭސްގެ ވެބްސައިޓުން ކަމަށެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ދުވުމުގައި މެރެތަން އާއި ހާފް މެރެތަންގެ އިތުރުން 10 ކިލޯމީޓަރުގެ ދުވުމާއި ފަސް ކިލޯ މީޓަރުގެ ދުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފަސް ކިލޯމީޓަރުގެ ދުވުމާއި، 10 ކިލޯ މީޓަރުގެ ދުވުމުގެ އިތުރުން ހާފް މެތަރަން ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފައެވެ.

ޓިއެފްޖީއާއި ކޮކާކޯލާ ގުޅިގެން ބާއްވާފައިވާ ދުވުމެއްގެ ތެރެއިން / ފައިލް ފޮޓޯ: ޓީއެފްޖީ

މި ދުވުމުގައި ބައިވެރިވުމަށް ހާއްސަ ޓްރެއިނިންނެއް ވެސް ޓީއެފްޖީން ވަނީ ބާއްވަފައެވެ. މިހާރު މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ މެރަތަން ދުވުގައި އެކަންޏެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮކާކޯލާ ލޯންގް ރަންގައި ގާތްގަނޑަކަށް 2000 އެއްހާ މީހުން ބައިވެރިވާނެކަމަށް ޓިއެފްޖީއިން ވަނީ ބުނެފައެވެ.

ކޮކާކޯލާ ލޯންގް ރަންއަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދުވުމެކެވެ. އެގޮތުން މި އަހަރު ކޮކާކޯލާއިން ވަނީ "ކޮކާ ކޯލާ ރަން އިން ލާމު" ބާއްވާފައެވެ. އަދި ނިމިދިޔަ މަހު އަންހެނުންނަށް ހާއްސަ ދުވުމުގެ ހަރަކާތެއް ވެސް ވަނީ ބާއްވާފައެވެ.