އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ހޯދުންތަށް ބެލެނިވެރިންގެ މެދުގައި ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށާއި، މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ހެނދުނު އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި ބޭއްވެވި އާއިލީ ނާސްތާގައި ރައީސްގެ އަނބިކަނބަލުން ވަނީ އޯޓިޒަމް ސެންޓަރުގެ ވެބްސައިޓާއި 100 ކުޑަކުދިން ބައިވެރިކޮށްގެން އެފަރާތުން ކުރިއަށްގެންދާ "ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިންގް" ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވައިފައެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ކަންތައްތައް ހައްލުކުރުމަށް އެކަމުގެ މައުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ގާތުން ކަމުގައެވެ. އެގޮތުން އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެކަން ފާހަގަ ކުރައްވަމުން އެކަމަނާ ވަނީ ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަކީ، ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު އަސާސީ ހައްގުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާފުކުރުމެއް އޮވެގެން ނުވާނެކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓީޒަމް ހުންނަ ކުދިންނަށް ވެސް އެންމެ މުހިންމީ އެ ބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެގޮތަކަށް މުޖުތަމައުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އޯޓިޒަމް އެސޯސިއޭޝަން ފަދަ ޖަމިއްޔާއެއްގައި ތިބޭނީ އެފަދަ ފަރާތްތަކަށް އަޅާލައި، ރަނގަޅުގޮތްތައް ހޯދައިދޭން ބޭނުންވާ މީހުންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، މިފަދަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރުމަކީ ވެސް އެފަދަ ޖަމިއްޔާއަކުން ކުރަން ލާޒިމްކަމެއްކަމަށް ގަބޫލުފުޅު ކުރައްވާކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ޖަމިއްޔާއަކުން ފޯރުކޮށްދޭ ހިދުމަތަކީ ހިލޭ ފޯރުކޮށްދޭ ނުވަތަ ވީ އެންމެ ކުޑަ އަގެއްގައި ފޯރުކޮށްދޭ ހިދުމަތަކަށް ވާންޖެހޭ ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އޭޕްރީލް މަހަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ އަށް ހާއްސަ ކުރެވިފައިވާ މަހަކަށް ވީ ހިނދު މިކަމާ ގުޅޭ މައުލޫމާތާއި އެފަދަ ފަރާތްތަކުގެ އިހްސާސްތައް ދެނެގަތުމަށް ކޮންމެ ބޭފުޅަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެކަމަނާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމުގައިވެސް ވިދާޅުވިއެވެ.