އއ. މަތިވެރިން 70 ފުޅި ބަނގުރަލާ އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ.

ރޭ 9:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސަށް ރަލުގެ ވިޔަފާރިކުރަމުން ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އއ.މަތިވެރި ގެސްޓް ހައުސެއް ވަނީ ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނީ އެ ގެސްޓް ހައުސް އިން 70 އަށް ވުރެ ގިނަ ބަނގުރާފުޅިއާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ދިޔަ މަހު މާލޭގެ މައްޗަންގޯޅި ގެއަކުން ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި 500 މިލިލީޓަރުގެ 888 ޕްލާސްޓިކް ފުޅިއާއި، ފަސް ލީޓަރުގެ ހަ ޕްލާސްޓިކް ފުޅި އަދި 14 ޓައްޕު ފެނިފައިވެއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައި ވަނީ 21 އަހަރާއި 33 އަހަރާއި ދެމެދުގެ ބަންގްލާދޭޝް އަށް ފިރިހެނުންނެވެ.