2030 ވަނަ އަހަރު އަންނައިރު ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގެ އަސާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ 'އެއްވެސް މީހަކު ބާކީ ނުކުރުމުގެ ވައުދު'، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުއްދެން އޮތީ، އޯޓިސްޓިކް މީހުންނަށް ބޭނުންވާ އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ 'އޯޓިމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ' މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ތަފާތު ކުރުންތަކާ ދެކޮޅަށް ވާހަކަ ދައްކާ، އިޖުތިމާއީ ހުރިހާ ކަމެއްގައި އޯޓިސްޓިކް މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ފުރިހަމަ އެއްބާރުލުމެއް ދިނުން މުހިންމު ކަމަށެވެ.
'އޯޓިމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ' މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ "އެސިސްޓިވް ޓެކްނޮލޮޖީޒް. އެކްޓިވް ޕާޓިސިޕޭޝަން" – މިޝިއާރެވެ. ޝިއާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޒަމާނާއެކު އަންނަމުންދާ ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލުތަކަކީ އޯޓިސްޓިކް ފަރާތްތަކަށް އޭގެ ބޭނުން ހިފެނިވި ގޮތަކަށް ފަރުމާ ކުރެވޭ ޓެކްނޮލޮޖީއަކަށް ހެދުމާއެކު، އޭގެ އެހީގައި އެފަދަ ފަރާތްތަކުގެ އިޖުތިމާއީ ހަރަކާތްތެރިކަމާ ބައިވެރިވުން އިތުރު ކުރުމުގެ ރޫހުގެ މައްޗަށެވެ.
މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރުދުންނެކޭވެސް އެއްފަދައިން ޒިންމާތައް އަދާކޮށް ހައްގުތައް ލިބިގަތުމުގައި ޓެކްނޮލޮޖީއަކީ އޯޓިސްޓިކް މީހަކަށް ނުވަތަ ކުއްޖަކަށް މުހިންމު ވަސީލަތެއްކަން އދއިން ފާހަގަކުރެއެވެ.
އޯޓިޒަމްއަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭ.އެސް.ޑީ)އަށް ކުރުކޮށް ކިއާއުޅޭ ނަމެކެވެ. މި ސެޕްކްޓްރަމްގައި ހިމެނޭ ކުދިންނާ މީހުންގެ ސިކުނޑީގެ ހިނގުމުގައި ތަފާތުކަމެއް ހުރެއެވެ. ނަތީޖާއަކަށްވަނީ މައިގަނޑު 2 ދާއިރާއަކުން މިފަދަ ފަރާތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. އެގޮތުން، އިޖުތިމާއީ ގުޅުން ބަދަހި ކުރުމާ އިޖުތިމާއީ މުއާމަލާތްތަކުގައި ހިއްސާވެ ހިއްސާކުރުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިތުރުން، ޝައުގުވެރިކަން ކުޑަވުމާ ކަންކަން ތަކުރާރުކުރަންޖެހުމުގެ ތަކުލީފުތަކެއް އުފުއްލަންޖެހުމެވެ. މިފަދަ މިޒާޖެއް ކަނޑުވާލަން މަސައްކަތްކުރުމުގެ ތެރޭގައި ކުއްޖާ ރުޅިއައިސް، ކޮންޓްރޯލް ނުކުރެވޭ ހިސާބަށްވެސް ކަންކަން ދެއެވެ.
އޯޓިޒަމްގެ އަލާމާތްތަކަކީ، ކޮންމެ ނަސްލެއްގެ، ކޮންމެ ގިންތިއަކަށް ނިސްބަތްވާ މީހެއްގެ ހަށިގަނޑުން ފެނިދާނެ އަލާމާތްތަކެކެވެ. ފަހުގެ ހޯދުންތައް ދައްކާ ގޮތުން ކޮންމެ 59 ކުއްޖަކުން 1 އަކީ އޯޓިޒަމް ސްޕެކްޓްރަމްގެ ކޮންމެވެސް އަލާމާތްތަކެއް ހުންނަ ކުއްޖެކެވެ.
އޯޓިސްޓިކް ކުއްޖަކު ލިބެން މެދުވެރިވާ ސީދާ ސަބަބު އަދި ސައްތަ އިންސައްތަ ދެނެގަނެވިފައި ނުވި ނަމަވެސް، އެކަމާ ގުޅޭ ބައެއް ކަހަލަ އިޝާރާތްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، އަންހެން ކުއްޖަކަށްވުރެ ބޮޑަށް އޯޓިޒަމް ސްޕެކްޓްރަމްގައި ފިރިހެން ކުއްޖަކު ހިމެނުމުގެ ފުރުސަތު 4 ގުނަ އިތުރެވެ. އާއިލާގައި އެއްބަނޑު އެއްބަފާ ކުއްޖަކު ނުވަތަ އެއްމާބަނޑު ކުއްޖަކީ ސްޕެކްޓްރަމްއަށް ފެތޭ ކުއްޖަކަށް ވެއްޖެނަމަ އަނެއްކުއްޖާވެސް ސްޕެކްޓްރަމްއަށް ފެތުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުންވެސް އޯޓިޒަމް ސްޕެކްޓްރަމްގައި ތުއްތު ދަރިފުޅު ގިންތިކުރުމަށް ފުރުސަތު އޮންނަ އިތުރު ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި، މައިމީހާއަކީ އާދަޔާ ހިލާފަށް ފަލަ (އޮބީޒް) މީހަކަށްވުން، ނުބަތަ ދަރިފުޅަށް ބަލިވެ އިން މުއްދަތުގައި އާދަޔާ ހިލާފަށް ފަލަވެގެންދިއުން، ނޭވާ ހިއްލުން ނުވަތަ އެގްޒެމާ ފަދަ ހަމުގެ އެލާޖީ ހުރުމަކީވެސް ސްޕެކްޓްރަމްގައި ހިމެނޭ ކުއްޖަކު ލިބުމުގެ ފުރުސަތު އިތުރުވާ ސަބަބުތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ޔަގީންވާ އެއްކަމެއް އޮވެއެވެ. އޯޓިޒަމްއަކީ ވެކްސިނެއްގެ ސަބަބުން ކުރިމަތިވާ ހާލަތެއް ނޫންކަން، ދިރާސާތަކުގެ އަލީގައިވަނީ ސާބިތުކުރެވިފައެވެ.
ދަރިފުޅަކީ އޯޓިޒަމް ސްޕެކްޓްރަމްގައި ގިންތިކުރެވޭ ކުއްޖޭތޯ ބެލުމަށްޓަކައި، އެ ދަރިފުޅުގެ އުމުރުން 9 މަހާ، 18 މަހާ، 24 މަސް ފުރުމުން ހާއްސަ ޓެސްޓުތަކެއް ހަދަންޖެހެއެވެ. މިކަން ކުރާނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނެވެ. އިތުރު ކަމަކަށް ފަރުވާއާއި ތަހުލީލު ހޯދަންޖެހޭ ކަމަށް ވަނީ ނަމަ، ކްލިނިކަލް ސައިކޮލޮޖިސްޓެއް، ބިހޭވިއާ ތެރަޕިސްޓެއް ނުވަތަ އެނޫންވެސް އެފަދަ ތަޖުރިބާކާރެއްގެ އިރުޝާދާ ލަފާހޯދުމަށް ޑޮކްޓަރު އިރުޝާދު ދެއްވާނެއެވެ.