ސައިކަލަކާއި ޓެކްސީއެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު ފިލި ޓެކްސީ ޑްރައިވަރެއް ހޯދައި އޭނާގެ ލައިސެންސް، ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 8:30 ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލަކާއި ޓެކްސީއެއް ޖެހިގެން ކަމަށެވެ. ޓެކްސީން ސައިކަލުގައި ޖެއްސުމަށްފަހު އެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ވަނީ މަޑުނުކޮށް ފިލާފައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ފުލުހުން ކުރި ތަހުގީގުން ޑްރައިވަރު ހޯދައި އޭނާގެ ލައިސެންސް ހިފެހެއްޓުމަށްފަހު ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ޓެކްސީ ދުއްވަން އިން ޑްރައިވަރަކީ 32 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަނިޔާވެފައިވާ މީހާއަށް އޭޑީކޭއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ހިނގާ މިފަދަ އެކްސިޑެންޓްތަކުގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. އެގޮތުން ރޭ ބޮޑުތަކުރުފާނު މަގުގައި ޕްރައިވެޓް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވެއެވެ. އަދި މިދިޔަ ހަފްތާތެރޭގައި ހުޅުމާލޭ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ސައިކަލާކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާ މީހަކާ ކުޑަކުއްޖަކަށް ވަނީ އަނިޔާވެފައެވެ. އޭގެއިތުރުން ހަމަ އެ ހަފްތާތެރޭގައި ސިނަމާލެ ބްރިޖުމަތިން އެކްސިޑެންޓެއް ހިނގާ ސައިކަލެއްގައި ދުއްވާފައި ދިޔަ ހެލްމެޓް އަޅައިގެން ހުރި މީހެއްގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފައެވެ.