1440 ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1440 ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ތިން ވަނަދު ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ އެކަމަށް ހުޅުވާލާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި މާލެއާއި އަތޮޅުތަކުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު ފުރުމަށްފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރަށުކައުންސިލް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މާލޭގައި ނަމަ، ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މި މިނިސްޓްރީގެ ހޯލުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

1439 ވަނަ އަހަރުގެ ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައި ވެއެވެ. އޭގެ ކުރީ އަހަރު ފަގިރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 16،205 މީހުންނެވެ. ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރާ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.