ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި އެންޑޯމެޓްރިއޮސިސް އެސޯސިއޭޝަން އިފްތިތާހު ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިފްތިތާހުކޮށްދެއްވި މި ޖަމްއިއްޔާއަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ދަށުން ރަސްމީކޮށްފައިވާ ޖަމްއިއްޔާއެކެވެ.

އެންޑޯމެޓްރިއޮސިސް އަކީ ހަކުރު ބަލި ފަދައިން އަދި ދާއިމީ ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ. މި ބައްޔަކީ ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ކޮންމެ ދިހަ އަންހެނަކުން އެކަކު ގައިގައި ހުންނަ ބައްޔެކެވެ. ނަމަވެސް، އަދި ރާއްޖޭގައި މި ބައްޔާއި ބެހޭ މައުލޫމާތު އެނގޭ މީހުން ވަރަށް މަދެވެ.

އެންޑޯމެޓްރިއޮސިސް އެސޯސިއޭޝަންގެ ނަމުގައި ޖަމްއިއްޔާއެއް އުފެއްދުމުގެ ބޭނުމަކީ މި ބައްޔާއި ބެހޭ ގޮތުން ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކޮށް މި ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ހިތްވަރު ދިނުން ކަމަށް މި ޖަމްއިއްޔާގެ ފައުންޑާ އަދި ޗެއާޕާސަން ފާތިމަތް މިޒްނާ އަލީ ބުންޏެވެ.

އެންޑޯމެޓްރިއޮސިސް އަކީ އެންޑޯމެޓްރިއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދިފައި ހުރުމުގެ ސަބަބުން ދިމާވާ ބައްޔެކެވެ. އެންޑޯމެޓްރިއަމް މިކިޔަނީ މައްސަރު ދުވަސްވަރު ހޯމޯންސްއަށް އަންނަ ބަދަލުތަކާއެކު ގިނަ ބަދަލުތަކެއް އަންނަ ރަހިމުގެ އެތެރެ ފަށަލައެވެ. މައްސަރު ދުވަސްވަރުގެ ކުރިން މި ފަށަލަ ބޯވެ، މައްސަރު ތެރޭގައި މި ފަށަލަ ހަލާކުވެ ލޭއާދެއެވެ. މީގެ ސަބަބުން މައްސަރު ތެރޭގައި ރަހިމުގެ އެތެރެ ފަށަލައަށް އަންނަ މި ބަދަލުތައް ރަހިމުގެ ބޭރުގައި އުފެދިފައިވާ އެންޑޯމެޓްރިއަމްގެ މި ޓިޝޫތަކަށްވެސް އާދެއެވެ. ނަމަވެސް މައްސަރު ލެއާ ހިލާފަށް މި ޓިޝޫތަކުން އަންނަ ލޭ ހަށިގަނޑުން ބޭރުވާނެ ގޮތެއް ނެތި ހަށިގަނޑުގެ ތެރޭގައި ހަރުލައެވެ.

މިބަލި ޖެހުމަށް މެދުވެރި ކުރުވާ މައިގަނޑު ސަބަބު ހޯދިފައެއް ނުވިއަސް މި ބައްޔަށް މަގުފަހި ކުރުވާ ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި އުމުރުން 12 އަހަރު ނުވަނީސް މައްސަރު ކަންތައް ދިމާވުމާ އަދި މައްސަރު ކަންތައް މާ އަވަސްއަވަހަށް ޖެހުމާ އައިލީ މެންބަރެއްގެ ފަރާތުން ބަލި ވާރުތަވުން ހިމެނެއެވެ. އެންޑޯމެޓްރިއޮސިސް ހުންނަ ބައެއް މީހުންގެ ކިބައިން މާ ގިނަ އަލާމާތްތަކެއް ނުފެނި ހިނގައިދާނެއެވެ. ނަމަވެސް އަނެއްބައި މީހުންނަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތި ވެއެވެ.

މި ބަލީގެ ޝިކާރައަކަށް ވެފައިފާ ގިނަ އަންހެނުން ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކެވެ. ގިނަ ފަހަރު އެންޑޯމެޓްރިއޮސިސް ހުންނަކަން އެނގެނީ ވެސް ކުއްޖަކު ހޯދަން ދަތިތަކާ ކުރިމަތިވާ ހިސާބުންނެވެ. އެންޑޯމެޓްރިއޮސިސްގެ ޝިކާރައަކަށް ވެފައިވާ ގިނަ އަންހެނުންނަކީ ގިނަ ސިއްހީ މައްސަލަތަކާއި ވޭން ތަހައްމަލު ކުރަމުންދާ މީހުންނެއެވެ. އެގޮތުން އެންޑޯމެޓްރިއޮސިސްގެ އާންމު އަލާމާތްތަކުގެ ތެރޭގައި، މައްސަރު ދުވަސްވަރު އާދަޔާ ހިލާފަށް ބަނޑުގައި ނުވަތަ ދަށްބަނޑުގައި ރިއްސުމާއި، މި ދުވަސްވަރު އާދަޔާ ހިލާފަށް ގިނައިން ލޭ ފޭބުމާއި، ދެ މައްސަރު ދޭތެރޭގައި ލޭ ފެނުން ހިމެނެއެވެ. އަދި ޖިންސީ ގުޅުން ހިންގާއިރު ތަދުވުމާއި، ކުޑަ ކަމުދާ އިރު، ނުވަތަ ބޮޑު ކަމުދާއިރު ރިއްސުމުގެ އިތުރުން ގޭހުގެ އުނދަގޫ ކުރިމަތިވުމާއި ބަނޑު ހިކުން ހިމެނެއެވެ. މީގެ އިތުރުން ވަރުބަލިވުން ހޮޑުލެވުމާއި ބޭރަށް ހިނގުން ފަދަ އެހެނިހެން އަލާމާތްތައްވެސް ފެނެއެވެ.

ރޭ އިފްތިތާހު ކުރެވުނު މި ޖަމްއިއްޔާގެ ގަވާނިން ބޯޑުގައި އެންޑޯމެޓްރިއޮސިސްގެ ޝިކާރައަކަށް ވެފައިވާ ހަތަރު މީހުންގެ އިތުރުން މި ބައްޔަށް ފަރުވާކުރާ ޑޮކްޓަރުންވެސް ތިބެއެވެ.