ހެލްމެޓް ނާޅާ ދަތުރު ކުރާ ފަރާތްތަކާ މެދު މިރޭ 12 އިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މީގެ ކުރިން ބުނފައިވަނީ، މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރު ކޮށްފައި ވީނަމަ ވެސް، އެއާ ހިލާފުވާ ފަރާތް ތަކާ ދޭތެރޭ ފިޔަވަޅު އަޅަން ފަށާނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

ހެލްމެޓް އެޅުމުގެ ގަވައިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާނީ 500 ރުފިޔާ އިން ނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި 3 ވަނަ ފަހަރުން ފެށިގެން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައި ވެއެވެ.

30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމައް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައި ސައިކަލު ދުއްވާއިރު، ދުއްވަން އިންނަ މީހާގެ އިތުރުން ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އަޅަން ޖެހެއެވެ. އަދި ދެ އަހަރުން މަތީގެ ކުޑަކުއްޖަކު ގޮވައިގެން ދާ ނަމަ އެ ކުއްޖާވެސް ހެލްމެޓު އަޅުވަން ޖެހެއެވެ.

30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ ދީފައި އޮންނަނީ، ބްރިޖާއި ހައިވޭގެ އިތުރުން ބްރިޖަށް އަރަން އޮންނަ ރިންގް ރޯޑާއި ބްރިޖް ހައިވޭން ހުޅުމާލެ އަށް ދާން އޮންނަ ބޮޑު މަގުގަ އެވެ.

އަޅަން ޖެހޭ ހެލްމެޓްގައި ހުރުން މަޖުބޫރު ޝަރުތު ތަކަކީ، ބޮލަށް ހެޔޮވަރު ސައިކަލު ދުއްވުމަށް ހާއްސަ ހެލްމެޓަކަށް ވުމާއެކު ހެލްމެޓުގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ކަހަލަ ކަމަރެއް ހުރުމެވެ. އެ ކަމަރަކީ އެކަތި ގަނޑަކަށް އިންނަ ކަމަރަކަށް ވާން ޖެހެއެވެ. އަދި ހެލްމެޓާއި އޭގެ ކަމަރުގައި ވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހުރެގެން ނުވާނެއެވެ.

އިތުރު ޝަރުތު ތަކުގެ ތެރޭގައި، ފެކްޓަރީން ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޮލްވެންޓެއް ހެލްމެޓު ގައި ލައިފައި ނުވުމާއި ހެލްމެޓުގައި ޓިންޓެޑް ނުވަތަ ކުލަ މެޓީރިއަލް ބޭނުން ކޮށްފައި ނުވުމުގެ އިތުރުން ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކްރީނުން މޫނު ފެންނަން ޖެހުން ހިމެނެއެވެ. އަދި މީހުންނަށް އޮޅޭ ގޮތަށް މޫނުގެ އެއްބައި ފޮރުވިފައި ހުންނަ ހެލްމެޓާއި ލޮލަށް އުނދަގޫވާ ކުލަ ކުލައިގެ ހެލްމެޓު ބޭނުން ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.