މައްޗަންގޯޅީގައި ހަދަން ފަށާފައި ހުރި އިމާރާތެއްގެ 5 ވަނަ ބުރިން، 15 ފޫޓު ދިގު 2 އިންޗި ފުޅާ ދަގަނޑު ހޮޅިއެއް ވެއްޓިއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

މި ހޮޅިދަނޑި މަގުމައްޗަށް ވެއްޓިފައި ވަނީ ކޮޅަށް ކަމަށާއި، ހޮޅިދަނޑި އަރި ވި ވަގުތު ދެ ސައިކަލެއްގައި ޖެހިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެކަމަކު އެތަނުން އެއްވެސް ސައިކަލަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެކަން ހިނގާފައި ވަނީ މިއަދު ހަވީ 17:35 ހާއިރު ކަމަށާއި، އެ ސަރަހައްދަށް ފުލުހުން ގޮސް، އެ މައްސަލަ ހައުސިން މިނިސްޓްރީ އަށާއި، ސިޓީ ކައުންސިލަށް އަންގާފައި ވާނެ ކަމަށެވެ. އަދި އެ ސަރަހައްދަށް ސިޓީ ކައުންސިލުން ގޮސްފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ އިމާރާތް ހަދަމުން ދިޔަ، އިނޮކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އިން އިމާރާތުގައި ކުރަމުން ދިޔަ މަސައްކަތް ފުލުހުން ވަނީ ހުއްޓުވާފައެވެ. ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.