އާންމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލްތައް ބަންދުކުރަން އައިޖީއެމްއެޗުން އަންގާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތައް ބަންދުކުރުމަށް އައިޖީއެމްއެޗުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދޮގު ކޮށްފައެވެ. އަދި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ސްކޫލްތައް ބަންދުކުރުމަށް މިހާތަނަށް ލަފާދީފައި ނުވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އާންމު ބަލި މަޑުކަމެއް ފެތުރޭތީ ސްކޫލްތައް ބަންދު ނުކުރާކަމަށް މިއަދު އެޑިކޭޝަން މިނިސްޓްރީން ބުނެފައިވާއިރު، މިއަހަރުވެސް ދެ ރަށެއްގައި ވަނީ ހުން ފެތުރެމުން ދާތީ ސްކޫލްގެ ކިޔެވުން މެދުކަނޑާލާފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު، ގއ. ވިލިނގިލީގައި ވައިރަލް ފީވާއެއް ފެތުރުމުގެ ސަބަބުން އެރަށުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ދެ ދުވަހަށް މެދުކަނޑާލައިފައިވެއެވެ. އަދި މިދިޔަ މަހު ފަހު ކޮޅު ފ.ފީއަލީގައި ވެސް ހުން ފެތުރުމުގެ ސަބަބުން ރަށު ސްކޫލް ބަންދުކޮށްފައިވެއެވެ.