ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ ބަހާ 5000 ހެލްމެޓު ބެހުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ދޫކޮށްފައިވާ ހެޔޮވަރު ނޫން ހެލްމެޓްތަކުގެ ސައިޒު ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ހެލްމެޓު ބެހުމުގެ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން ހަތެއް، އަށެއް އަދި ނުވަވަނަ ސެޝަންގެ ބައިވެރިންނަށް ހެޔޮވަރު ހެލްމެޓް ފޯރުކޮށް ދިނުން މިދިޔަ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އޮންނާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ބުނެފައިވެއެވެ. ނަމަވެސް މިއަދު އެ އޮތޯރިޓީން ވަނީ ހެޔޮވަރު ނޫން ހެލްމެޓްތަކުގެ ސައިޒު ބަދަލުކޮށްދިނުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް ދާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

ހެލްމެޓުގެ ސައިޒުތައް މި ސެޝަން ތަކަށް އައިއިރު މަދުފައި ވުމުގެ ސަބަބުން ބައިވެރިން ބޭނުންވި ސައިޒުގެ ހެލްމެޓް ނުދެވުމުން، ފަހުން ފޯރުކޮށް ދޭނެކަމަށް ޓްރާސްޕޯޓު އޮތޯރިޓީން މީގެ ކުރިން ބުނެފައިވެއެވެ. އަދި މި ސެޝަންތަކުގެ ބައިވެރިން ހެލްމެޓުގެ ސައިޒް ބަދަލުކުރުމަށް އަންނަ އިރު ކުރިން ދޫކޮށްފައިވާ ހެލްމެޓު ބޭނުން ނުކޮށް އޭގެ ފޮށްޓާއި ކަވަރާ އެކު ގެންދިއުމަށް ޓްރާސްޕޯޓް އޮތޯރިޓީން އެދިފައިވެއެވެ.

ހެލްމެޓު ބަަހާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހުލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދެ ގަޑި އިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށެވެ.