އެމެރިކާގެ ރިޔާސީ ރޭސް 2016 ކާމިޔާބު ކުރެއްވި މަހުޖަނު ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭނުން، އިންތިހާބު ކަށަވަރުކުރުމަށްޓަކައި ރަޝިޔާގެ ނުފޫޒު ހޯދާފައިވާކަމަށް ބުނާ މައްސަލައާއި ގުޅިގެން ސްޕެޝަލް ކައުންސެލް ރޮބާޓް މުލާ ތައްޔާރު ކުރައްވާފައިވާ ތަހުގީގީ ރިޕޯޓް އަންނަ އޭޕްރިލް މަހުގެ މެދެއްހާ ހިސާބުގައި އާންމު ކުރުމަށް ނިންމައިފިއެވެ.

މުލާގެ ތަހުގީގީ ރިޕޯޓްގެ ހުލާސާއެއް ހައްދަވާ، އެމެރިކާގެ ކޮންގްރެސްއަށް ހުލާސާ ރިޕޯޓް ތައްޔާރުކޮށްދެއްވީ އެޓާނީ ޖެނެރަލް ވިލިއަމް ބާއެވެ.

ބާ ތައްޔާރުކުރެއްވި ހުލާސާ ރިޕޯޓް ބުނާ ގޮތުގައި، އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވާފައެއް ނުވެއެވެ. އަދި އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމަށް ޑޮނާލްޑް ޓްރަމްޕް ހުރަސްއެޅުއްވިކަމުގެ ސާބިތު އެއްވެސް ހެއްކެއް ތަހުގީގުތަކަށް ފެނިފައި ނުވާކަމަށްވެސް ހުލާސާ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ބާ ވިދާޅުވީ، މުލާ ތައްޔާރު ކުރައްވާފައިވާ 400 ސޮފުހާގެ ރިޕޯޓް އާންމުކޮށް ޝައިއުކުރެއްވުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ސެންސަރުކޮށް، އެޑިޓްކޮށް ހަދަންޖެހޭ ބައެއް ކުދިކުދި ތަންތަން ރީޑެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ބާ ވަނީ ވިދާޅުވެފައެވެ. ރީޑެކްޓް ކުރަނީ ޝަރުއީ އަދި ގާނޫނީ ގޮތުން ހައްސާސީ ބައެއް މައުލޫމާތު ސެންސަރުކުރަންޖެހޭތީ ކަމަށްވެސް ބާ ވަނީ ވިދާޅުވެފައެވެ.

ބާ މިކަން ހާމަކުރައްވާފައި މިވަނީ، މުލާ ތައްޔާރުކުރައްވާފައިވާ މުޅި ރިޕޯޓް ރީޑެކްޓް ކުރުމަކާ ނުލާ، އޭޕްރިލް 2 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ގޮވާލައްވާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރަޓުންގެ 6 މެމްބަރަކު ސޮއިކުރައްވާ، ބާއަށް ސިޓީފުޅެއްވެސް ފޮނުއްވާފައިވާ ދަނޑިވަޅެއްގައެވެ.