ގަރލް ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ މުހިންމު ހަރަކާތެއް ކަމުގައި، ޗީފް ގައިޑް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހަވީރު މުލީއާގޭގައި ބޭއްވި ގާލް ގައިޑްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ކޮންމެ ކަމެއް ހާސިލްކުރުމުގައި ވެސް ހަމައެކަނި ބެޖް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އެކަމުން އާކަންކަން ދަސްކުރުމަށް ގައިޑުންނަށް އެކަމަނާ ނަސޭހަތްތެރި ވެވަޑައިގަތެވެ.

މިއަދު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގައި، ރައީސްގެެ އަނބިކަނބަލުން ވަނީ އިނާމާއި ސެޓްފިކެޓް ހާސިލްކުރި ފަރާތްތަކަށް އެތަކެތި ހަވާލުކޮށް ދެއްވާފައެވެ.