ރާއްޖޭގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު އޮންނާނެއެވެ. ބަންޑާރަކޮށިން ނިކުމެގެން އަމީރުއަޙްމަދު މަގުން އިރަށްގޮސް، މެދުޒިޔާރަތް މަގުން އިރަށްގޮސް ޝަހީދު ޢަބްދުﷲ ޒުޙައިރު ހިނގުމުން އުތުރަށް ގޮސް ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް މޫންލައިޓް ހިނގުމުން ދެކުނަށްގޮސް ބޮޑުތަކުރުފާނު މަގުން ހުޅަނގަށްގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށް ކުރިއަށް ގެންދާ މިހިނގާލުން ފެށޭނީ މިއަދު ހަވީރު 4.15 ގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން މިއަދު ބާއްވާ ޝަރަފުގެ ހިނގާލުން ދިޔުމަށް ހަމަޖެހިފައިވާ މަގުތައް

ޝަރަފުގެ މިހިނގާލުން ހުއްޓި ސިފައިންގެ ބޭންޑުގައި ރާގުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މުލީއާގޭ ކުރިމަތީގައާއި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތީގައާއި ސެނަހިޔާ ކުރިމަތީގައާއި ސްވިމިން ޓްރެކް ސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރީގައާއި މާލޭ ކުޅިވަރު އެކުވެނި ސަރަހައްދުގައެވެ.

މި ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިބި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވަން 65 އަންހެން ސިފައިންގެ ތެރެއިން 40 އަންހެނުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.