ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގައި ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައި ހުރި، ހ.ލޮބީ ހުސެއިން ހުމާމް އަހްމަދު ދޫކޮށްލުމަށާއި އޭނާއަށް ބަދަލު ދިނުމަށް، އދ. އިން ގޮވާލި ގޮވާލުމަށް ޖަވާބު ދާރީ ވުމަށް ތައްޔާރު ވަމުން ދާކަމަށް ޕޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ، އެކަމާ ގުޅުން ހުރި މަޝްވަރާތައް، ބަންޑާރަ ނައިބުގެ އޮފީހާއި ފޮރިން މިނިސްޓްރީ ހިމެނޭ ގޮތުން، ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު ސަރުކާރުން މިހާރު ފަށާފައި ވާކަމަށެވެ.

މިއުވާން ވިދާޅުވީ އދ. އާ ގުޅުން ހުރި ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ޖަވާބު ދާރީ ވާނެ ކަމަށާއި، ކުރީގެ ބައެއް ސަރުކާރުތައް ހެން، އެކަހަލަ ކަންކަމާ އަޅާނުލާ ދޫކޮށް ނުލާނެ ކަމަށެވެ. އަދި މިކަމުގައި އދ. އަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ހުމާމުގެ މައްސަލައިގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ބުނެފައިވަނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް) ގެ 6 ވަނަ މާއްދާއާއި، 14 ވަނަ މާއްދާގެ ދަށުން، ހުމާމް އަށް ލިބިދޭ 7 ހައްގެއް ދައުލަތުން ނިގުޅައިގެންފައި ވާކަމަށެވެ.

މީގެ އިތުރުން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ހުމާމުގެ މައްސަލަ އާ ގުޅިގެން ނިންމާފައިވާ ނިންމުން، ދިވެހި ބަހަށް ތަރުޖަމާކޮށް އާންމުކުރުމަށާ، އެ ކޮމެޓީން ފާހަގަ ކޮށްފައިވާ ކަންތައްތައް ތަކާ ގުޅިގެން ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު، 6 މަސްދުވަސްތެރޭ އެ ކޮމެޓީއަށް ފޮނުވުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.