އެމްޑީޕީ ގެ އެޖެންޑާ 19 ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގައި ފައްޅިއަޅާނެ ކަމަށް ވާދަވެރީން ވިދާޅުވާއިރު، ރާއްޖޭގައި 47 މިސްކިތް ބިނާ ކުރި އެހެން އެއްވެސް ވެރިއެއް ނުހުންނާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އދ. ވާދޫގައި މިއަދު އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ 3 އަހަރު ތެރޭގައި ރާއްޖޭގައި 47 މިސްކިތް ބިނާ ކޮށްފައި ވާނެ ކަމަށެވެ. އަދި ރައީސް މައުމޫންގެ ދިގު 30 އަހަރުގައި ވެސް އެވަރަށް މިސްކިތް ބިނާ ކުރެވިފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީގެ ސަރުކާރުގައި 47 މިސްކިތް އެޅި 3 އަހަރު ތެރޭގަ. ދިވެހި އެއްވެސް ވެރިއެއް ދިވެހިރާއްޖޭގައި 47 މިސްކިތް އެއްފަހަރާ އަޅާފައި ނުވާނެ، ރައީސް މައުމޫނުގެ ދިގު 30 އަހަރު ވެސް. އަޅުގަނޑުމެން 3 އަހަރު ތެރޭގަ 47 މިސްކިތް އެޅިން، އެ ބޭފުޅުން އެ ވިދާޅުވަނީ އަޅުގަނޑުމެން ފައްޅި ހުޅުވާނޭ" ނަޝީދު ވިދާޅު ވިއެވެ.

ނަޝީދު ވިދާޅުވީ އިންތިހާބާ ދިމާކޮށް ވާދަ ވެރީން ހިންގަނީ ވަރަށް ފިނޑި އަމަލެއް ކަމަށާއި، އެމީހުންގެ މަގްސަދަކީ ދީން ހަތިޔާރަކަށް ބޭނުން ކޮށްގެން އެމްޑީޕީއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ކަމަށެވެ. އަދި އެޖެންޑާ 19 ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގައި ފައްޅި އަޅާނެ ކަމަށް ދައްކާ ވާހަކައަށް ވުރެ ބޮޑު ދޮގެއް ނެހެދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ދާދި ފަހުން ތިޔަ ބޭފުޅުން އަޑު އަހާފައި ވާނެ އެމްޑީޕީ ގެ އެޖެންޑާ 19 ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގައި ފައްޅި އަޅާނެ ކަމަށް، އެއަށް ވުރެ ބޮޑު ބުހުތާނު ދޮގެއް މީހަކަށް ނުހެދޭނެ " ނަޝީދު ވިދާޅު ވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެއްވެސް މީހަކަށް އަނެކާއާ ދިމާލަށް ކާފަރަކޭ ނުވަތަ ލާދީނީ އޭ ނުބުނެވޭނެ ކަމަށެވެ. އެއީ އިސްލާމް ދީނުގައި މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއްކަން ނޭނގޭނެ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށާއި ރާއްޖޭގައި ތަފާތު ދީންތަކަށް މީހުން އުޅުމުގެ ފުރުސަތު ދޭނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.