ކުރީގެ ރައީސް އަބްދުﷲ ޔާމިން ޕީޕީއެމް އަދި ޕީއެންސީގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅު ވެއްޖެއެވެ.

މަނީ ލޯންޑަރިން ގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލު ކުރުމާ ގުޅިގެން، ނިހާން ވިދާޅު ވީ ޕީޕީއެމް ގެ މަސައްކަތުގައި އެ މަނިކުފާނަށް ވަގުތު ލިބިވަޑައިގެން މިންވަރަކުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިއަދު ހައިކޯޓުން އެ ގޮތަށް ނިންމާފައި ވީނަމަވެސް، ކޮންމެވެސް އެހެން ގޮތަކުން ޔާމީން، އަނެއްކާ ވެސް ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ ދޮޅު މަސްދުވަހު ޔާމީން ނިޒާމުން ގެއްލުވައިލައި، އެމަނިކުފާނަށާއި އެ މަނުކުފާނާ ގުޅުން ހުރި އެންމެންނަށް އެ ދިން އަނިޔާ ގަބޫލު ނުކުރެއްވޭނެ ކަމަށެވެ. އަދި އެކަން މައްސަލައެއްގެ ގޮތުގައި ޝަރީއަތަށް ހުށައަޅަން ފެނިލައްވާ ކަމަށް ވެސް ނިހާން ވިދާޅު ވިއެވެ.

އެއްވެސް ޝަރުތަކާ ނުލައި ޔާމީން މިނިވަން ކުރުމަށް ހައިކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި، އެމަނިކުފާނު އިތުރަށް ބަންދު ކޮށްފައި ބެހެއްޓުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝާރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.