ވ އަތޮޅު އަލިމަތާ ރިސޯޓު ކައިރީ އޮތް ސަފާރީ އަކުން ހޭނެތުނު ފަތުރު ވެރިޔަކަށް، އެއަތޮޅު ފެލިދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ ތައިވާނަށް ނިސްބަތްވާ 55 އަހަރުގެ އަންހެން މީހާ، ހޭނެތިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 12:25 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ޕޮލިސް ލޯންޗު އެ ސަފާރީ އަށް ގޮސް، އެ އަންހެން މީހާ ފެލިދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ފަތުރު ވެރިޔާ ނިޔާ ވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.