ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ހައިކޯޓުން އަމުުރުކޮށްފިއެވެ.

ހައި ކޯޓުން ރައީސް ޔާމީން މިނިވަން ކޮށްފައިވަނީ އެއްވެސް ޝަރުތެއް ނެތް ގޮތަށެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝާރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ 18 ފެބުރުއަރީގައެވެ. އެމަނިކުފާނު ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް އެދިފައެވެ. ރައީސް ޔާމީނު މާފުށީ ޖަލަށް ބަދަލު ކުރި ބަލި ހާލަތު ހުރި ގޮތުން ގިނަ ދުވަހު ޔާމީން ހޭދަ ކުރެއްވީ ހޮސްޕިޓަލުގައެވެ. ތިން ފަހަރެއްގެ މަތިން ހޮސްޕިޓަަލަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި ކަރެކްޝަނުން ވަނީ މިމަހު 13 ވަނަ ދުވަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރައްވާފައެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކުރީ، އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރުން ލަފާގެ މަތިންނެވެ. އެއީ ގޭބަންދުގައި ހުންނަވާ އިރު އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހުގައެވެ.

ހައިކޯޓުން މިއަދު އޮތް އަޑުއެހުމުގައި ނިންމާފައިވަނީ އެ މައްސަލައިގައި ޔާމީން ބަންދުކޮށްފައި ބެހެއްޓޭނީ ގިނަވެގެން 30 ދުވަހަށް ކަމުގައި އާއި އެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ.