އެމްޑީޕީއަކީ ދުވަހަކުވެސް އިސްލާމްދީނަށް ބަދު ބަސް ބުނާނެ ބައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ފިޔޯރީގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖައްލާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދުވަހުކުވެސް އިސްލާމްދީނާއި ދެކޮޅަށް ބަދު ބަސް ބުނާނެ ބައެއް ނޫން ކަމަށެވެ.

ދީނީ ދަންނަބޭކަލުންނަށް ހެޔޮލަފާ ނަސޭހަތް ދިނުމުގެ ފުރުސަތު ދެވުނީމާ އެފުރުސަތު ބޭނުންކޮށްގެން އެކިއެކި ރަށްރަށަށް މީހުން ފޮނުވުމަށް ވަކާލާތު ކުރުމުން ގެންދަނީ ޖަމާތްތަކުން ކަމަށެވެ.

އަދި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ވޯޓު ހޯދުމަކީ ވަރަށް ވިޔާނުދާ އަމަލެއް ކަމަށާއި އެމްޑީޕީ އަކުން ޕޯޑިއަމްތަކުގައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން އޭގެން ވޯޓު ހޯދަކަށެއް ނޫޅޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ދީނީ އިލްމްވެރިއެއް ނޫން އަދި އަޅުގަނޑުމެންގެ ޕާޓީ އަކުން ޕޯޑިއަމްތަކުގައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން އޭގެން ވޯޓު ހޯދަކަށެއް ނޫޅެން، އަޅުގަނޑުމެން ދެކޭގޮތުގައި އެއީ ވަރަށް ވިޔާނުދާ އަމަލެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިސްލާމްދީނުގެ ތަރަހައިން ބޭރުވެވަޑައިގެން ލާދީނީ ފިކުރުތަކެއް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އަދާލަތު ޕާޓީއިން މީގެ ކުރިން ނޫސްބަޔާނެއް ނެރެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.