ޖިންސީ ކުށް ކުރާ މީހުންގެ މައުލޫމާތު ހިމެނޭ ދަފުތަރެއް އެކުލަވާލައިފިއެވެ.

"ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގެ ގަވާއިދު" ގެ ނަމުގައި މިއަދު ގަވާއިދެއް ގެޒެޓް ކޮށްފައިވެއެވެ. އެ ގަވާއިދުގައި ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގައި ލިޔެ ބަލަހައްޓަންޖެހޭ "ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރު" ގައި މައުލޫމާތު ހިމެނުމުގައްޔާއި މައުލޫމާތަށް ބަދަލު ގެނައުމުގައްޔާއި ދަފުތަރުގައިވާ މައުލޫމާތު އެހެން ފަރާތަކަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކެވެ.

މި ގަވާއިދުގެ ދަށުން ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގައި ހިމަނާނީ، ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެފައިވާ މީހުންގެ މައުލޫމާތުކަމަށް އެ ގަވާއިދުގައި ވެއެވެ. މި ގަވާއިދުގައި ބަޔާން ކޮށްފައިވާނީ ޖުމްލަ 21 ކުށެވެ. އޭގެ ތެރޭގައި ރޭޕްކުރުން ނުވަތަ ރޭޕްކުރަން އުޅުމުގެ ކުށް، ޖިންސީ އަނިޔާއެއް އަދި ގޯނާ އެއް ކުރި ކަމުގެ ކުށް ނުވަތަ ކުރަން އުޅުނުކަމުގެ ކުށް އަދި ހަށި ވިއްކުމުގެ ކުށާއި އޮރިޔާން ކާޑު ހެދުމުގެ ކުށް ހިމެނެއެވެ. މީގެ އިތުރުން، ބްލެކްމެއިލް ކުރުމުގެ ކުށާއި ޖިންސީ އަމަލެއް ހިންގުމަށްޓަކައި މަސްތުކުރުވުމުގެ ކުށްވެސް މިގަވާއިދުގައި ހިމެނެއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުށެއް ސާބިތުވެފައިވާ މީހާއާ ބެހޭ މައުލޫމާތުތައް ދަފުތަރުގައި ހިމަނަންވާނެ ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ. ނަމަވެސް، ޖިންސީ ކުށުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއް 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ސާބިތުވިނަމަވެސް، ކުށް ސާބިތުވި ކުއްޖާގެ މައުލޫމާތު ދަފުތަރުގައި ނުހިމެނޭނެކަމަށް ވެސް އެ ގަވާއިދުގައިވެއެވެ. އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ނަމަ، އެކުށުގެ މައުލޫމާތުވެސް ދަފުތަރުގައި ހިމަނަން ޖެހޭނެކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޖިންސީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ މައްސަލައެއްގެ ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓުގެ ކޮޕީއެއް، މާލޭގައިނަމަ، ހުކުމް ކުރި ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓު، ޖުވެނައިލް ކޯޓު، ހުޅުމާލެ ކޯޓުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހިއްސާ ކުރަން ޖެހެއެވެ. އަދި އަތޮޅުތެރޭގައި ނަމަ، ގިނަވެގެން 14 ދުވަހުގެތެރޭގައި، މެޖިސްޓްރޭޓް ކޯޓުތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހިއްސާ ކުރަންވާނެކަމަށް ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގެ ގަވާއިދުގައިވެއެވެ. މީގެ އިތުރުން، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ އިތުރުން ދަފުތަރުގައި ހިމަނަންޖެހޭ މައުލޫމާތެއްވާނަމަ، އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެހީގައި ހޯދުމަށްފަހު، ގިނަވެގެން 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ދަފުތަރުގައި ހިމަނަންވާނެކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.