ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމްގެ މުޅި އާމްދަނީ އަކީ ރަލާއި އޫރުމަސް ވިއްކައިގެން ލިބޭ އާމްދަނީ އެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ގދ.ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީ ޓީކެޓުގައި ވާދަކުރާ، ފަތުހުﷲ އަހްމަދުގެ ކެމްޕޭނަށް ގދ.ރަތަފަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ގާސިމަށް ވަރުގަދަ ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.

"އެބޭފުޅާގެ ކޮންމެ ރިސޯޓެއްގައި، ރަލާއި އޫރުމަސް އިންތިހާއަށް ވިއްކާ! އެބޭފުޅާގެ މުޅި އާމްދަނީއަކީ ރަލާއި އޫރުމަހުގެ ވިޔަފާރިން ކުރިއަށް ގެންދާ އާމްދަނީ އެއް. އޭގެ ކޮންމެ ރިސޯޓެއްގައި ފައްޅިއެއް އަޅާފައި ހުރޭ، ކޮންމެ ރިސޯޓެއްގައި ބުދު ބަހައްޓާފައި ހުރޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ގިނަ ފަހަރަށް ވޯޓު ހޯދުމުގައި ރިޝްވަތުގެ ހުތުރު ފައިސާ ނެރޭ ޕާޓީއެއް ކަމަށެވެ. އަދި ރިޝްވަތަކީ ހަރާމް އެއްޗެއް ކަމާއި، ރިޝްވަތުދޭ މީހާއާއި، ރިޝްވަތުގައި ހިފާ މީހާއަށް ވެސް ލައުނަތް ލައްވަނީ އެއް ވަރަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި، އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ ރިޝްވަތުގެ ހުތުރު އަމަލު ހިންގާނެ ބައެއް ނޫން ކަމަށާއި އެމްޑީޕީން މިނަނީ އެހެން މީހުން އެޕާޓީ މިނާ ނާޅިއަކުން ނޫންކަމަށެވެ. އަދި އެމްޑީޕީއާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރަމުން މީހުންތައް މުޅި ރަށުގައި ހިނގި ކަމުގައި ވިޔަސް އޭގެ ރައްދުގައި އެޕާޓިން އެހެން މީހުންނޭ ކިޔައިކެން ދޮގު ވާހަކަ ފަތުރަމުން ނުދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ބަސްތައް ގާސިމަށް އަމާޒުވެފައި ވަނީ މީގެ ކުރިން ގާސިމް އެމްޑީޕީއަށް އަމާޒުކުރެއްވި ބަސްތަކެއްގެ ރައްދުގައެވެ. ގާސިމް އއ. ހިމަންދޫގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވިދާޅުވީ، އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށެވެ.