ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ އެލަވެންސްތަކާއި އެއްކޮށް 40،000 ރުފިޔާ އަށް ބޮޑުކޮށްފިއެވެ.
ސިޓީ ކައުންސިލްގެ މޭޔަރުންނާއި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން މުރާޖައާ ކުރުމަށް ފަހު ފާސްކުރީ، ސިޓީ ކައުންސިލްތަކުގެ ރައީސަށް 40،000، ސިޓީ ކައުންސިލްތަކުގެ ނައިބް ރައީސަށް 35،000 އަދި ސިޓީ ކައުންސިލްގެ މެންބަރުންނަށް 30،000 ރުފިޔާއެވެ. އެއީ އެލަވެންސްތަކާއި އެއްކޮށެވެ.
ރައީސަށް ލިބިވަޑައިގެންފައިވާ އިހްތިޔާރުގެ ދަށުން ސިޓީ ކައުންސިލްގެ ބާރުތައް އަލުން ކަނޑައެޅުއްވުމާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާ ކުރައްވައި، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހަޅާފައިވެއެވެ.
ކޮމިޓީން ހޫށަހެޅި ގޮތަށް ރިޕޯޓް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ސިޓީ ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއިވަނީ މާޗް 18 ގައެވެ.
މާލިއްޔަތު ކޮމެޓީން ވަނީ 2015 އޮކްޓޯބަރު، 5 ގައި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކުން 50 ޕަސަންޓް އުނިކޮށްފައެވެ.
އެބަދަލާ އެކު އޭރު ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް މަހެއްގެ މައްޗަށް ލިވިން އެލަވަންސާއި އެކު 18،000 ރުފިޔާ ލިބެއެވެ. އަދި މުސާރައިގެ ގޮތުގައި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް 14،000 ރުފިޔާ މަހެއްގެ މައްޗަށް ލިބެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލް ތަކުގެ މެންބަރުންނަށް 11،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބެއެވެ.