އއ.ކުރަމަތި ރިިސޯޓްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި އަޑިއަށް ހިނގައްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:48 ހާއިރު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައެވެ. ލޯންޗް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައި، ލޯންޗަގައި ރޯވެ، އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މިހާދިސާގައި އަނިޔާވެފައިވަނީ ލޯންޗްގެ ކެޕްޓަނަށް އެކަނި ކަމަށާ އޭނާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ. އޭނާ ވަނީ އއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާދިސާ މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކަށް ބަލާއިރު، މިމަހުގެ 15 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެފައިވެއެވެ.