މި ހިނގާ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓްގެ އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ.

ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ފާހަގަކުރަން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މާލެ އާއި ރަށްރަށުގެ ކަރަންޓުގެ އަގު ހެޔޮކުރީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ކަމަށެވެ.

"އަސާސީ ހިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތުގެ ދަށުނާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މާޗް 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ވަނީ ނިންމާފައި" ކަރަންޓްގެ އަގު ހެޔޮ ކުރިކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމާފައިވަނީ، ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނެތިގެންދާނެ ކަމަށާއި، މި ބަދަލާއެކު ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަގު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން، ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ. މި ގޮތުން މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް 2200 ރުފިޔާ ހޭދަކުރާނަމަ، ދެން ދައްކަންޖެހޭނީ، ގާތްގަނޑަކަށް 1700 ރުފިޔާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، އެއްހަމަ ކުރެވިފައިވާނެ ކަމަށެވެ. މިގޮތުން، އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ކުޑަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ބަދަލު ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު، ބޮޑުތަނުން ކުޑަވެގެންދާނެ. މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބޭނެ ބަދަލުތަކެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ކުޑަކުރުމުން، ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ. އަދި މި ބަދަލު ގެނައުމުން، ރަށްރަށުގައި ކަރަންޓު ބިލަށް، ގާތްގަނޑަކަށް 4600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް 3400 ރުފިޔާ ކަމަށާއި، މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1200 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ މަސައްކަތު 90 ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު (ކ) ޑިފެންސް މިނިސްޓަރު މާރިޔާ (މ) އަދި ފިނެނޭންސް މިނިސްޓަރު އަމީރު (ވ) ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ނިމާ ހަސަން | ދަޕްރެސް

މީގެއިތުރުން ޑީސަލުން ނަގަމުން އަންނަ ފަސް އިންސައްތައިގެ ޑިއުޓީ، ސަރުކާރުން ކަނޑައިލުމުން، ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށްފަހު، އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓް ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ކުޑަކުރެވި، މާލެއާއި ރަށްރަށުގެ ހުރިހާ ގޭބިސީތަކާއި ވިޔަފާރިތަކަށް ވެސް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށް ދިނުމަށް، ސަރުކާރުން މި އެޅި މުހިންމު ފިޔަވަޅު، ރައްޔިތުން ހެޔޮގޮތުގައި ބަލައިގަންނާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. ކަރަންޓުގެ އަގަށް މި ގެނައި ބަދަލުތަކުގެ ލުއި، 1 މާރިޗުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށް ދެވޭނެ. އަދި މި ލުއިތައް، މި ތާރީހުން ފެށިގެން އެޕްލައި ކުރެވި، ގޭބިސީތަކާއި ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެންނަން ފަށާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމުމުގެ މައިގަނޑު ދެ ވިސްނުމެއް ގެންގުޅުއްވި ކަމަށާއި، އެއް ވިސްނުމަކީ މާލެއާއި އަތޮޅުތަކާ ދެމެދު އޮންނަ ފަރަގު ކުޑަކުރުން ކަމަށެވެ. އަދި މިއީ ދައުލަތުން ބުރައެއް އުފުލައިގެން ވިޔަސް، ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި، އަތޮޅުތައް ތަރައްގީ ކުރެވޭނީ މިފަދަ ސިޔާސަތުތައް އިސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދެވަނަ ވިސްނުމަކީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވުން ކަމަށާއި، އާދައިގެ ކަންމަތީ ފިހާރައަކުން، މަހަކު ފަސްހާސް ރުފިޔާ ކަރަންޓަށް ހޭދަކުރުމަކީ، އެފަދަ ވިޔަފާރިތަކަށް ބުރައަކަށް ވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ކަރަންޓު ބޭނުން ނުކޮށް ކުރެވޭ ހަމަ އެއްކަމެއްވެސް މިއަދު ނެތްއިރު، ވިޔަފާރިތަކުގެ މިފަދަ ހަރަދުތައް ކުޑަވުމުން، އެ ވިޔަފާރިތައް ކުރިއެރުމަށް ބާރު ލިބި، އެކަމުގެ ހެޔޮ ބަދަލު މުޅި އިގްތިސޯދަށް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ އަގު މިއަދު މިހެން ކުޑަ ކުރި ކަމުގައި ވިޔަސް، ދުރު ރާސްތާގައި، ރާއްޖޭގައި ހަކަތަ އުފެއްދުން، އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ޖަނަރޭޓަރުގެ ބަދަލުގައި، ފައިސާ ހަރަދު ކުރަންވީ، ސޯލާ ޕެނެލާއި، އިއާދަ ކުރަނިވި ހަކަތަ އުފައްދާ އެފަދަ ވަސީލަތްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރާނަމަ، މިހާރަށް ވުރެ މާ ހެޔޮ އަގުގައި ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.