ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންނަށް އާސަންދައިގައި ރަޖިސްޓްރީވުމަށް ހުޅުވާލަން ނިންމައިފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނާ، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދިނުމަށް ޕޯޓަލްއެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އާސަންދައިން ހުޅުވާލާނީ މާދަމާއެވެ.

އާސަންދައިން ބުނީ އެ ކުންފުނީގެ "އެބްރޯޑް ޕޯޓަލް" ގައި މާދަމާއިން ފެށިގެން އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. އަދި މިއީ މި ތިން ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

މި ހިދުމަތަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން، ހޮނިހިރު ދުވަހު ހަވީރު 4:00 އިން ފެށިގެން ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައި "އާސަންދަ އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޭމްޕް ކުރިއަށްދާނީ ދެދުވަހުގެ މުއްދަތަކަށް ހެނދުނު 10 އިން ރޭގަނޑު 10 އަށް ސޯސަން ވިލާގައި ކަމަށް އާސަންދައިން ބުނެއެވެ.