ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު 90 ދުވަސް ހަމަވި އިރު، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހުން 11 ވައުދެއް ފުރިހަމަކޮށްފިއެވެ.

އޭޖީ އޮފީހުން ހާސިލް ކުރި ކަންކަމުގެ ތެރޭގައި؛

  • ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށުން.
  • ދިވެހި ދައުލަތް ދަރަނިވެރިވެ، ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން.
  • ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ބަދަލުގެނައުން.
  • ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލުތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުސަތު ފަހިކޮށްދިނުން.
  • އަދުލުއިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުން.
  • ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުން.
  • ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ބިލެއް މަޖިލީހަށް ހުށަހެޅުން.
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން.
  • ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  • ޖަމުއިއްޔާތަކާބެހޭ ގާނޫނު އިސްލާހުކުރުމަށްޓަކައި ކަމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  • މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަން މަޖިލީހަށް ހުށަހެޅުން.

އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދިނުމަށް ކަނޑައަޅާފައިވާ ބައެއް ވައުދުތަކަކީ، ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަށް ނުވަތަ ހައްގުތައް ކަށަވަރުކޮށްދިނުމަށް ނުވަތަ އެނޫންވެސް އާންމު ދިރިއުޅުމުގައާއި ވިޔަފާރީގެ މައިދާނުގައި ހޯދައިދޭންޖެހޭ ލުއިތައް ހޯދުމަށްޓަކައި އަލަށް ތައާރުފު ކުރަންޖެހޭ ބިލުތައް ތައާރުފުކުރުން ހިމެނޭ ކަމަށެވެ. އަދި ކަމާބެހޭގޮތުން އަމަލުކުރެވެމުންދާ ގާނޫނުތައް އިސްލާހުކުރުމަށްޓަކައި ހަދަންޖެހޭ ގާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ޖުމްލަ 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮތްއިރު، އެ 21 ބިލު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައި ވާކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް ބިލު ފާސްވެ، ގާނޫނަށް ވެފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ޔޫއެން ރެސިޑެންޓް ކޯޑިނޭޓާ ޝޮކޮ ނޮޑާއާއި އޭޖީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފައިލް ފޮޓޯ

އޭޖީ އޮފީހުން ބުނީ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެފައިވާ ވައުގެ ދަށުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓް ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި 5 ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާ ކަމަށެވެ.

އަދި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް، ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާކުރުމުގެ ވައުދާ ގުޅިގެން އެ މަސައްކަތް ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގައި އެކުލަވާލި ކޮމިޓީން 11 ގާނޫނެއް މުރާޖާއުކޮށް، އޭގެ ތެރެއިން ހަތަރު ގާނޫނަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލާފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އެ އޮފީހުން ބުނީ މިހާރު އަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި އެނޫންވެސް އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާބެހޭ ބިލުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އަދި ކަމާބެހޭ ގާނޫނުތައް އެކުލަވާލުމުގެ އިތުރުން، ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ގައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާކުރުމުގެ މަސައްކަތުގެ ތެރެއިން 11 އެއްބަސްވުމެއް މުރާޖާއުކޮށްފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.