ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ ބަހާ 5000 ހެލްމެޓު ބެހުމުގެ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން ހަތްވަނަ، އަށްވަނަ އަދި ނުވަވަނަ ސެޝަންގެ ބައިވެރިންނަށް ހެޔޮވަރު ހެލްމެޓް ފޯރުކޮށް ދިނުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ބުނީ މި ސެޝަންތަކުގެ ބައިވެރިންނަށް ކުރިން ދޫކޮށްފައިވާ އެސް އަދި އެސްއެސް ސައިޒުގެ ހެލްމެޓްތައް ހިފައިގެން އަންނަ ހޮނިހިރު ދުވަހު އެ އޮތޯރިޓީއަށް ދިއުމުން ބަދަލުކޮށްދޭނެ ކަމަށެވެ. ހެލްމެޓުތައް ބަދަލުކޮށްދިނުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން ހަވީރު ހަތަރަކަށް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

ހެލްމެޓުގެ ސައިޒުތައް މި ސެޝަން ތަކަށް އައިއިރު މަދުފައި ވުމުގެ ސަބަބުން ބައިވެރިން ބޭނުންވި ސައިޒުގެ ހެލްމެޓް ނުދެވުމުން، ފަހުން ފޯރުކޮށް ދޭނެކަމަށް ޓްރާސްޕޯޓު އޮތޯރިޓީން މީގެ ކުރިން ބުނެފައިވެއެވެ. އަދި މި ސެޝަންތަކުގެ ބައިވެރިން ހެލްމެޓުގެ ސައިޒް ބަދަލުކުރުމަށް އަންނަ އިރު ކުރިން ދޫކޮށްފައިވާ ހެލްމެޓު ބޭނުން ނުކޮށް އޭގެ ފޮށްޓާއި ކަވަރާ އެކު ގެންދިއުމަށް ޓްރާސްޕޯޓު އޮތޯރިޓީން އެދިފައިވެއެވެ.

ހެލްމެޓު ބަަހާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހުލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދެ ގަޑި އިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށެވެ.