ގެސްޓްހައުސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އއ. އުކުޅަހަށް އަންނަ ފަތުރުވެރިން، ރަށު ތެރޭގައާއި ބީޗްގައި ނިވާކަން ކުޑަކޮށް އަދި ބަރަހަނާކޮށް އުޅޭ މައްސަލަ ބެލުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަނެއްގައި ސޮއެކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިއެވެ.

ގެސްޓުން ބިކިނީގައި މޫދަށް އެރި އުޅެ ރަށުތެރޭގައި އުޅޭ މައްސަލަ ހައްލު ކޮށްދިނުމަށް އެދި، އުކުޅަހުގެ 117 މީހުންގެ ސޮޔާއެކު ރައީސަށް ފޮނުވި ޕެޓިޝަން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ވެސް ހުށަހަޅާފައެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ އުކުޅަހުގެ މަގުތަކާއި ބަނދަރުމައްޗާއި، ސްކޫލް ހިމެނޭ ސަރަހައްދާއި އަދި ރަށް ވަށައިގެންވާ ބީޗާއި މޫދުގައި ގެސްޓްހައުސް ހިންގުމުގެ ގަވާއިދާ ހިލާފަށް ނިވާކަން ކުޑަގޮތަށް ހާމަކޮށް އުޅެމުންދާ ކަމަށެވެ. އަދި މި މައްސަލަ މީގެ ކުރިން ވެސް ތަކުރާރުކޮށް އުކުޅަހު ކައުންސިލާއި ރަށުގައި ހުންނަ ޕޮލިސް ޑެސްކާއި ހިއްސާކުރި ނަމަވެސް މިކަމަށް މިހާތަަނަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރާނެ ކަމަަށް ބުނެފައި ވީނަމަވެސް އެއްވެސް މިންވަރެއްގެ ހައްލެއް ލިބިފައި ނުވާކަމަށް މި ޕެޓިޝަނުގައި ބުނެފައިވެއެވެ.

"ބޮޑެތި ފިރިހެނުން ހަމައެކަނި ޖަންގިޔާ ލައިގެން އާންމުންގެ ތެރެއަށް ނުކުމެ ބަނދަރާއި މަގުމަތީގައި އުޅޭ ހާލަތްތައް ވަނީ ދިމާވެފައެވެ. އަދި ގެސްޓް އަންހެނުން ވެސް ބިކިނީގައި ރަށުގެ ޅަ ދަރިން ކުރިމަތީގައި ބަނދަރާއި ރަށުތެރޭގައި ހިނގާ ހަދައެވެ. ނުވިތާކަށް އެމީހުން ބީޗަށް ގޮސް މަތިން އެއްވެސް އެއްޗެއް ނުލާ (ޓޮޕްލެސް) ކޮށް މުޅިން ބަރަހަނާވެ އެއްކޮށް އޮރިޔާމުން އުޅެމުންދެއެވެ." އުކުޅަހުގެ 117 ރައްޔިތުން ސޮއިކޮށް ރައީސަށް ފޮނުވި ޕެޓިޝަނުގައި ބުނެފައިވެއެވެ.

އަދި ބަރަހަނާ ވުމުގައި އެއްވެސް ބެލުމެއް ނެތި، ރޯމާ ދުވާލު އެފަދަ އަމަލުތައް ހިންގަމުން ދާތީ އުކުޅަހު ރައްޔިތުން ވަނީ ކަންްބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ރަށުގެ ބީޗްގެ ވަކި ސަރަހައްދެއް އެމީހުންނަށް ހާއްސަކޮށްފައި ވީނަމަވެސް އާންމު ތަންތާގައި އުޅޭތީ އެކަން ހައްލުކޮށްދިނުމަށް ވެސް މި ޕެޓިޝަނުގައި ވަނީ އެދިފައެވެ.