ގެވެށިއަނިޔާގެ ތުހުމަތާއި ގުޅިގެން އެމްޑީޕީން ތާއީދު އަނބުރާ ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ މުޣްނީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މުޣްނީއަށް ތާއީދު ކުރައްވާކަން ރަސްމީކޮށް ވިދާޅުނުވި ނަމަވެސް، އެމަނިކުފާނު ވަނީ ހުވަދުއަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުންގެ މަޖިލިސް ކެމްޕޭން ފަށްޓަވައިދެއްވުމުގެ ހަފްލާގައި މުޣްނީގެ ކަރުގައި "އެޖެންޑާ19" އިގެ ޝޭޝެއް މުޣުނީގެ ކަރުގައި އަޅުއްވައިދެއްވާފައެވެ.

މުޣުނީގެ މައްޗަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވުމާއެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި މީގެ ކުރިން ވިދާޅުވެފައި ވަނީ، ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭންގައި އެމަނިކުފާނު ބައިވެވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކަށް އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ އެބޭފުޅަކު އަމިއްލައަށް އެފަދަ ކަމެއް މީގެ ފަހުން ނުކުރުމަށް އެއްބަސް ވުމާއެކު، އެކަމަށް މައާފަށް އެދުމަށް ނަޝީދު އެދިވަޑައިގަތެވެ.

މުޣްނީއަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔަކަން ހާމަކޮށްފައި ވާއިރު، މިއަދު ނަޝީދު ތިނަދޫއަށް ވަޑައިގެންނެވުމުން އިސްކޮށް ހުންނަވައިގެން ނަޝީދަށް މަރުހަބާ ކިއީވެސް މުޣްނީއެވެ.

މުޣްނީ ވަނީ އޭނާއަށް ކުރެވުނު ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ފުލުހުން ވަނީ މުޣްނީއާއި ގުޅޭ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ބުނެފައެވެ.