ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގދ.ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެންމެ ކުރީގައި ހުރީ އެމްޑީޕީން ތާއިދު އަނބުރާ ގެންދިޔަ، ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުﷲ މުޣުނީއެވެ.

މުޣުނީ ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ ނޮވެމްބަރު މަހު އޭނާގެ ކުރީގެ އަންހެނުން އައިޝަތު ރިޒްނާ ކުރި ޓްވީޓެއް ސޯޝަލް މީޑީއާގައި އާންމުވުމާއި ގުޅިގެން އެމްޑީޕީން ވަނީ މުޣުނީއަށް ކުރި ތާއިދު އަނބުރާ ގެންގޮސްފައެވެ. ނަމަވެސް އެމްޑީޕީގެ ތިނަދޫ ގޮފިން މުޣުނީ އަށް ތާއިދުކުރަން ނިންމާފައި ވާއިރު، މިއަދު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެރަށަށް ވަޑައިގެންނެވުމުން، މުޣުނީ އަދި އޭނާގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔާފައެވެ.

ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަ މުޣުނީ ދޮގުކޮށްފައި ވަނީ އެއީ ސިޔާސީ ބޭނުމަކަށް އިދިކޮޅު ކެންޑިޑޭޓުން ހިންގާ ޖަރީމާއެއް ކަމަށް ބުނެއެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށް މުޣުނީ ވަނީ ބުނެފައެވެ. މީގެ އިތުރުން، މިފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީ އަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި، އެ ޕާޓީން މުޣުނީއަށް ކުރި ތާއިދު އަނބުރާ ގެންގޮސްފައި ވަނީ ޕާޓިގެ އަސާސްތަކާ ހިލާފު ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައިވާތީ ކަމަށެވެ. މި ތުހުމަތުތަކާއި ބެހޭގޮތުން އެމްޑީޕީން މަޝްވަރާކޮށް ނިންމާފައިވަނީ އެމްޑީޕީން މުޣުނީއަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންދިއުމަށް ކަމަށާއި މުޣުނީގެ އެއްވެސް ކެމްޕޭން ހަރަކާތެއްގައި ރައީސް ނަޝީދު ވެސް އަދި އެހެން ބޭފުޅެއްވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އަފްޝަން ވިދާޅުވެފައި ވެއެވެ.