ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ކަނޑައަޅާފައިވާ ހަތް ވައުދު ފުރިހަމަ ވެފައި ވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔާ އެޑީއުކޭޝަން މިނިސްޓްރީން ފުރިހަމަކުރި ހަތް ވައުދުގެ ތެރޭގައި ރާއްޖޭގައި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިނުމާއި، މަތީ ތައުލީމް ހާސިލްކުރުމަށް އިންޓަރެސްޓް ކުޑަ ލޯނު ހަމަޖައްސައި ދިނުމާއި، ހަޔާ އެޗީވާސް ސްކޮލާޝިޕްގައި އޯއީސީޑީގެ ގައުމުތަކުން ކިޔެވޭނެ މަގު ތަނަވަސްކޮށްފައިވެއެވެ. އަދި ޓްރެއިނިން ނީޑް އެނާލިސިސް ހެދުމާއި، އޭ ލެވެލް އިން ރާއްޖެ އިން އެއްވަނަ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބޭނުން ސަބްޖެކްޓެއް ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުން ހިމެނެއެވެ. މީގެ އިތުރުން ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގުން އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ގާނޫނީ ބާރުދިނުންވެސް ހިމެނެއެވެ. ނަމަވެސް އެމްކިއުއޭ އަށް ބާރުދިނުމާ ބެހޭ ބިލް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

ގިނަ ދުވަސްތަކަށް ފަހު ނީޑްސް އެނާލިސިސްއެއް ހެދުމުން، އާ ދާއިރާތަކަކަށް މީހުން ތަމްރީނުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނޭޝަނަލް ޓްރެއިނިން ނީޑްސް އެނަލިސިސްގެ ބޭނުމަކީ ގައުމަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އެގޮތުން މި ރިޕޯޓް އެކުލަވާލާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ސަރުކާރާއި އަމިއްލަ ސެކްޓާގައި މަސައްކަތްކުރާ 150 އަށް ވުރެ ގިނަ މީހުންނާ މަޝްވަރާކުރުމަށް ފަހުއެވެ. މި ރިޕޯޓުގައި، މީހުން ތަމްރީނުކުރުމަށް ބޭނުންވާ 12 ދާއިރާއެއް ކަނޑައަޅާފައި ވާކަމަށާއި ސަރުކާރުން ވަޒީފާތަކަށް މީހުން ތަމްރީނު ކުރާއިރު މި ދާއިރާތަކަށް އިސްކަން ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.