އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރެވުނީތީ ހިތާމަ ކުރައްވަމެކޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްފަހަރުވެސް ވިދާޅު ނުވާ ކަމަށް އޭނާ ބުނެފިއެވެ.
ހޯރަ އިއްބެ މިނިވަން ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ދެކެވެމުންދާ ވާހަކަތައް ހޯރަ އިއްބެ ވަނީ ދޮގު ކޮށްފައެވެ.
ރާއްޖެ ޓީވީ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި ހުރި މީހަކު މިނިވަން ކުރެއްވުނީތީ އެކަމާ މިހާރު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ކާކު ކަމެއް ރައީސް ވިދާޅުވެފައި ނުވިޔަސް އެމުއްދަތުގެ ތެރޭގައި މިނިވަން ވި މީހަކީ ހޯރަ އިއްބެއެވެ. އަދި އެވާހަކަ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވަނީވެސް އެގޮތަށެވެ.
"ވެރިކަމުގެ ކުރީ ކޮޅު ގާނޫނީ އިމުގެ ތެރެއިން ނަމަވެސް ނިންމުނު ނިންމުމަކުން މިއަދާ ހަމައަށްވެސް ހިތާމަކުރަން. އެނިންމި ނިންމުން އެގޮތަށް ނުނިންމުނު ނަމައޭ ހިތަށް އަރާ. މާ އަވަހަށް ކުރެވުނީތީ ހިތާމަކުރަން. އެއީ ޖަލުގައި ހުރިި މީހަކު ގާނޫނީ އިމުގެ ތެރެއިން ޖަލުން މިނިވަން ކުރުން" ރައީސް ވިދާޅުވިއެވެ.
ހޯރަ އިއްބެ މިނިވަން ކުރެވުމުން ރައީސް ހިތާމަ ކުރައްވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހުންގެ ފާޑުކިޔުން ދަނީ ރައީސް އަށް އަމާޒުވަމުންނެވެ.
"ކުޑަކުއްޖެއްގެ ކަރާމާތާއި އިއްޒަތް ނަގާލި މީހަކު މިނިވަން ކުރެއްވުމަށްފަހު މިއަދު ތިހެން ވިދާޅުވުމަކުން ނުފުދޭ، އެއީ ގައުމުގެ އެންމެހާ ކުޑަކުދިންގެ ކަރާމާތަށް އިހްތިރާމް ނުކުރާފަދަ ހުތުރު މިނިވަން ކުރުމެއް" ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު، ޑރ.އަބްދުﷲ ޙަލީލް ވިދާޅުވިއެވެ.
ހޯރަ އިއްބެ އަކީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށްލި މީހެކެވެ. މި ކުށަކީ މައާފް ދެވޭ ކުށަކަށް ނުވާއިރު ރައީސް ސޯލިހް އޭނާގެ އަދަބު ލުއިކޮށް ދެއްވާފައި ވަނީ ބާކީ ފަސް އަހަރު އޮއްވައެވެ. އަދަބު ލުއިކޮށްދެއްވީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.