ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެތޯ ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް ކުރައްވާ ކެންޕޭން ދަތުރުފުޅުގައި ގއ. ކޮލަމާފުށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައިސް އަށް ފެނިވަޑައިގެން ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން އެހެން ގޮތަކަށް އަމަލުކުރުމަށް ފެނިވަޑައިގަންނަވާނަމަ އެކަން ވެސް ނިންމެވުގެ އިހްތިޔާރު ވެސް އޮތީ ރައީސް އަށް ކަމަށެވެ.

"ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ތޯ، އެކަން ވެސް ނިންމަވާނީ ރައީސް. އެހެން ބައެއް ނޫން. ރައީސަށް ފެނިވަޑައިގެން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެހެން ގޮތަކަށް އަމަލުކުރަން ފެނިވަޑައިގަންނަވާ ނަމަ އެކަން ވެސް ނިންމުމުގެ ބާރު، ނިންމުމުގެ އިހްތިޔާރު ނުވަތަ އެ ނިންމުމާ ދިމާލަށް ޕާޓީ ގެންދިއުމުގެ އިހްތިޔާރު، ހުރިހާ ކަމެއް އަޅުގަނޑުމެން ދޫކޮށްފައި ވާނީ ރައީސަށް" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ.