ގއ. ކޫއްޑޫ އާއި ގއ. މާމެންދޫ ވެސް ގުޅުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ގއ. ދާންދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ވިލިގިއްޔާއި ކޫއްޑޫ، ބޮޑު މަގަކުން ގުޅުވާލެވޭނެ ކަމުގައި އާއި އަދި މެނިފެސްޓޯގެ ދަށުން އެ މަގު މާމެންދޫއާއި ހަމައަށް ގެންދެވޭނެކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީން އަޅުގަނޑުމެން މި ދައްކާ ވާހަކަ އަކީ ބޮޑު މަގެއްގެ ވާހަކަ، އަޅުގަނޑުމެންނަށް އެމަގު ގެނެވޭނެ މާމެންދޫއަށް، އަޅުގަނޑުމެންގެ މެނިފެސްޓޯ ވައުދެއް އެއީ އިރާދަ ކުރެއްވިއްޔާ ކޫއްޑޫ އާއި މާމެންދޫވެސް ގުޅުވާލުން" ނަޝީދު ވިދާޅުވިއެވެ.

މެނިފެސްޓޯގައި ހިމެނޭ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ ގއ. އަތޮޅު ހިމެނޭ ހުވަދުއަތޮޅަށްވެސް ބޭނުންވާ މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަށްތައް ގުޅުވާލުމުގެ ސިޔާސަތުތަކުގެ އިތުރުން އިގްތިސޯދު އިތުރުކުރުމަކީ އެޖެންޑާ 19 ގެ ވަރަށް ބޮޑު މަގުސަދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރަށްރަށުގައި ހުންނަ މަސް ޕްލާންޓްތަކަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރަށްރަށުގެ ކައުންސިލާއި ރައްޔިތުންނަށް ފައިދާވާގޮތަށް ހިންގޭ ތަންތަން ކަމަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާމެންދޫގެ ގިނަ މީހުން ވަޒީފާ އަދާ ކުރާ ކޫއްޑޫ އަކީ ގއ. އަތޮޅުގެ އެއާޕޯޓާއި ކޫއްޑޫ ފިޝަރީސް ކޮންޕްލެކްސް ހިންގާ ރަށެވެ.