ޖަލުގައި ހުންނަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނެއްކާވެސް ގޭ ބަންދަށް ބަދަލު ކޮށްފިއެވެ.
އައިޖީއެމްއެޗުން ފަރުވާދިނުމަށް ފަހު، އަދީބު ގެއަށް ބަދަލު ކޮށްފައިވަނީ ރޭ 1:30 ހާއިރު ކަމަށް ކަރެކްޝަންސް އިން މައުލޫމަތު ދެއެވެ.
ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލައިގާ 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބު ގެއަށް ބަދަލު ކޮށްފައި ވަނީ ޝަރުތު ތަކާ އެކުގައި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން މިއަދު ބުނީ އަދީބު ގެއަށް ބަދަލު ކުރީ ކޮން ސަބަބަކާ ހުރެގެން ކަމާއި، ގެއަށް ބަދަލު ކުރި އިރު ކޮށްފައިވާ ޝަރުތު ތައް ހާމަ ކުރެވެން ނެތް ކަމުގައެވެ. އަދި އަދީބު ގެއަށް ބަދަލު ކުރި މުއްދަތުވެސް ކަރެކްޝަންސް އިން ހާމަ ކޮށްފައެއް ނުވެއެވެ.
އަދީބު ގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އޭނާ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދި އަދީބުގެ އާއިލާ ގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައިގައި، އޭނާ ގެއަށް ބަދަލު ކުރުމަށް ޖެނުއަރީ މަހު އެކޯޓުން އަމުރު ކޮށްފައެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.